1 ބިލިއަން ރުފިޔާގެ 42 މަޝްރޫއު ވަނީ ނިމިފައި: އަމީރު

މި ސަރުކާރު ވެރިކަމަށް އައި ފަހުން، މިދިޔަ މަހުގެ ނިޔަލަށް ނިންމި 42 މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.


ސަރުކާރުން ނިންމި މަޝްރޫއުތަކާއި ފައިސާ ދެއްކި މަޝްރޫއުތަކުގެ އަދަދު ބެލުމަށް މަޖިލިހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު، އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ މިހާތަނަށް 42 މަޝްރޫއުތަކަށް، ހޭދަވާ އެއް ބިލިއަން ރުފިޔާގެ ތެރެއިން، 759 މިލިއަން ރުފިޔާ ދައުލަތުން ދައްކާފައިވާ ކަމަށެވެ.

ނަމަވެސް 759 މިލިއަން ރުފިޔާގެ ތެރެއިން ބޭރުގެ ކުންފުނިތަކަށް ދެއްކި އަދަދާއި ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް ފައިސާ ދިން އަދަދުތައް ފަހުން ހިއްސާކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ސަރުކާރުން މިހާތަނަށް ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށް 136 މަޝްރޫއެއް އެވޯޑުކޮށްފައިވާނެ ކަމަށެވެ. އޭގެ އަގު 3.8 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

މިހާރު ކުރިއަށް މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި 43 ރަށެއްގައި 29 މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ.

މަޖިލިިހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވާހަކަ ދައްކަވަނީ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ނިމިފައި ވަނީ ކިތައް ޕްރޮޖެކްޓްތޯ އެއްސެވީ ޖާބިރު.--- ފޮޓޯ: މަޖިލިސް

"މި ޕްރޮޖެކްޓުތަކަށް ފައިނޭންސް ކުރީ ޑޮމެސްޓިކް ފައިނޭންސިން އާއި ފޮރިން ފައިނޭންސިން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އިންޑިއާ ސަރުކާރުން ބަޖެޓުގެ ސަޕޯޓުގެ ގޮތުގައި ލިބުނު 200 މިލިއަން ޑޮލަރާއި ޑޮމެސްޓިކް ފައިނޭންސިން އަށް 300 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކިން،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރަށް ލަފާކޮށް ފާސްކުރި 30 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތައް ބަޖެޓުކޮށްފައިވާ ގޮތަށް ޓެންޑަކޮށް، އެވޯޑުކޮށްގެން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.

"މިހާރު ބައެއް ރަށްރަށުގެ މޮބަލައިޒިން މަސައްކަތް ފެށި، އެއް ބައި ރަށްރަށުގެ މަސައްކަތް ފެށެމުންދާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

މެމްބަރުން ކުރެއްވި އެހެން ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދިނުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެކަމާ މެދު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.