ހުށަހަޅަނީ 40،000ރ. އަށް ވުރެ މަތީ އާމްދަނީން އިންކަމް ޓެކްސް ނަގަން

އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން ކަމުގައި ހަމަޖައްސަން ސަރުކާރުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ފިނޭންސް މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން މީޑިއާ މައުލޫމާތު ދިނުމަށް ބޭއްވި "ނުވަގަޑި" ގައި ވާހަކަ ދައްކަވަމުން ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ، އަންނަ އަހަރު ތެރޭގައި އިންކަމް ޓެކްސް ނަގާނެ އާމްދަނީގެ އަދަދު ކަނޑައެޅީ ވަރަށް ގިނަ ކަންކަމަށް ބަލާފައި ކަމަށެވެ.

މަހެއްގެ މައްޗަށް 40،000ރ. ގެ އާމްދަނީ ލިބޭ ނަމަ އަހަރެއްގެ މައްޗަށް 480،000ރ. ލިބޭނެ އެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރާއްޖޭގައި އިންކަމް ޓެކްސް ނަގާ ސީލިންގެއްގެ ގޮތުގައި ލަފާ ދީފައިވަނީ 10،833ރ. އެވެ. ނަމަވެސް ސަރުކާރުން ނިންމީ އެ އަދަދު 40،000ރ. އަށް ހަމަޖައްސާށެވެ.

މިހާރު ކަނޑައަޅާ ގޮތަށް އިންކަމް ޓެކްސް ނަގާ ނަމަ އަހަރެއްގެ މައްޗަށް 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވެސް އިންކަމް ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް 600 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

އަރުޝަދު ވިދާޅުވީ މާލޭގައި ގެ ކުއްޔަށް ހިފައިގެން ދިރިއުޅޭ ގޭބިސީއެއްގެ ހަރަދު އެވްރެޖުކޮށް މަހަކު 41،570ރ. އަށް އަރާ ކަމަށެވެ. މިއީ ގާތްގަނޑަކަށް ފަސް ވަރަކަށް މީހުން ދިރިއުޅޭ ގެއެއްގެ ތިން މީހަކަށް ލިބޭ އާމްދަނީ އެވެ. އެހެންވެ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުން ކަނޑައެޅުމުގައި ދިރިއުޅުމުގެ ފެންވަރާއި ކުރާ ހަރަދުތަކަށް ބަލާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް ކަނޑައަޅާ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު 6،000 އަށް އަރާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ނިންމަނީ ޕްރޮގްރެސިވް ޓެކްސްގެ އުސޫލުންނެވެ. އެއީ ލިބޭ އާމްދަނީ އިތުރުވި ވަރަކަށް ޓެކްސް ދައްކާ ޕަސެންޓޭޖް މަތިވާ ނިޒާމެކެވެ.

އާންމު ގޮތެއްގައި ގައުމުތަކަކުން ތިން އުސޫލަކުން އިންކަމް ޓެކްސް ނަގަ އެވެ. އެގޮތުން ފްލެޓް އިންކަމް ޓެކްސް ނިޒާމާއި ޕްރޮގްރެސިވް އިންކަމް ޓެކްސް ނިޒާމާއި ޑުއެލް އިންކަމް ޓެކްސް ނިޒާމު ހިމެނެ އެވެ. މީގެ ތެރެއިން އައިއެމްއެފުން ސަރުކާރަށް ލަފާދިނީ ޑުއެލް އިންކަމް ޓެކްސް ނިޒާމަކަށް ދިޔުމަށެވެ. މިއީ، އެމީހަކަށް ލިބޭ އާމްދަނީގެ ގޮތްތަކަށް ބަލައި، ދެ އުސޫލަކުން ޓެކްސް ނަގާ ނިޒާމެކެވެ. މި ނިޒާމުގައި ލިބޭ ވަކި އާމްދަނީއަކަށް ފްލެޓް އިންކަމް ޓެކްސް އުސޫލުން ޓެކްސް ދައްކަން ޖެހޭ އިރު ހޯދާ ބައެއް އާމްދަނީތަކުން ޓެކްސް ނަގާނީ ޕްރޮގްރެސިވް އުސޫލުންނެވެ.

"އާމްދަނީގެ ފަރަގު ކުޑަކުރުމުގެ ގޮތުން ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ގެންނަން ނިންމީ. ފްލެޓް ޓެކްސް ނިޒާމަކަށް ވުރެ އުނދަގޫވެދާނެ، ދެތިން ހަތަރު ބްރެކެޓް [ރޭޓް] ތައް އުޅޭތީ. އެކަމަކު ވެސް ވީހާ ވެސް ބްރެކެޓް ކުޑަކޮށް، ބްރެކެޓްގެ އަދަދުތައް މަތިކުރަން. އަދި އާމްދަނީ ޕްރޮގްރެސިވް ވާ ވަރަކަށް ބްރެކެޓްތައް ބެހެއްޓުން،" އަރުޝަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ޕްރޮގްރެސިވް ޓެކްސް އުސޫލަށް އަމަލުކުރަން ނިންމީ، ވީހާ ވެސް ފަސޭހަ އުސޫލަކުން އިންކަމް ޓެކްސް ނެގުމުގެ ގޮތުންނެވެ. ޕްރޮގްރެސިވް ޓެކްސް އަކީ ދުނިޔޭގެ އެންމެ ގިނަ ގައުމުތަކުން އިންކަމް ޓެކްސް ނަގާ އުސޫލެވެ.

އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު

- 40،000ރ. އާއި 60،000ރ. އާ ދެމެދުގެ އާމްދަނީ: 2،621 މީހުން

- 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީ: 2،285 މީހުން

- 100،000ރ. އަށް ވުރެ ބޮޑު އާމްދަނީ: 960 މީހުން

މީގެ ތެރެއިން 40،000ރ. އާއި 60،000ރ. ގެ އާމްދަނީ ލިބޭ މީހުން އިންކަމް ޓެކްސްއަށް އަށް ޕަސެންޓް ދައްކަން ޖެހެ އެވެ. އަދި 60،000ރ. އާއި 100،000 އާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ 10 ޕަސެންޓް ދައްކަން ޖެހޭ އިރު 100،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އިންކަމް ޓެކްސް ރޭޓަކީ 15 ޕަސެންޓެވެ.

މިސާލަކަށް 150،000ރ. އާމްދަނީއެއް ލިބޭ ނަމަ އާމްދަނީގެ ފުރަތަމަ 40،000ރ. އިން އިންކަމް ޓެކްސް ދައްކާކަށް ނުޖެހޭނެ އެވެ. އަދި 40،000ރ. އާއި 60،000 އާ ދެމެދު (20،000ރ) އިން އަށް ޕަސެންޓަށް ވާ ވަރު ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ އިރު 60،000ރ. އާއި 100،000 އާ ދެމެދު (40،000ރ.) އިން 10 ޕަސެންޓް އަދި ބާކީ 50،000ރ. އިން 15 ޕަސެންޓަށް ވާ ވަރު އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެ އެވެ.

މުސާރަ އާއި ކުލިން ލިބޭ އާމްދަނީ އާއި ސަރުކާރު ޕެންޝަން ނޫން އެހެން ގޮތްގޮތަށް ލިބޭ ޕެންޝަން ފައިސާ އިން ވެސް އިންކަމް ޓެކްސް ދައްކަން ޖެހެ އެވެ.

އިންކަމް ޓެކްސްއާ އެކު އުވާލާ ޓެކްސްތައް

- ރެމިޓެންސް ޓެކްސް، ލޭންޑް ސޭލްސް ޓެކްސް، ބިޒްނަސް ޕްރޮފިޓް ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް، ޕެޓްރޯލިއަން ޓެކްސް

އަރުޝަދު ވިދާޅުވީ، މި ޓެކްސްތައް އުވާލަން ނިންމީ މިއީ އާމްދަނީތަކާ ގުޅޭ ޓެކްސްތަކަށް ވުމުން ކަަމަށެވެ. މީގެ އިތުރުން ރެމިޓެކްސް ޓެކްސް ފަދަ ޓެކްސްތަކަކީ އެހާ އިންސާފުވެރި ޓެކްސްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ އިންކަމް ޓެކްސްއާ އެކު ރެމިޓެކްސް ޓެކްސް ވެސް އުވިގެންދާނެ އެވެ.