އަހަރަކު 500،000 ޓޫރިސްޓުން ގެނައުމުގެ އަމާޒާ އެކު ގެސްޓްހައުސްތަކުގެ ވެރިން އެއް ތަނަކަށް

ގެސްޓްހައުސް ވިޔަފާރިއާ ބެހޭ ގޮތުން ބާއްވާ ފުރަތަމަ ކޮންފަރެންސް، 160 އަށް ވުރެ ގިނަ ގެސްޓްހައުސްގެ ވެރިންނާ އެކު މިއަދު ފަށައިފި އެވެ.


ރާއްޖޭގެ ޕީއާރު ފާމެއް ކަމަށް ވާ މޯލްޑިވްސް ގެޓަވޭސް އިން އިންތިޒާމް ކުރާ "ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް" ދަރުބާރުގޭގައި ކުރިއަށް ގެންދާއިރު، ގެސްޓްހައުސްތަކުގެ ވެރިންގެ އިތުރުން ރާއްޖެ އާއި ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުން ބައިވެރިވެ އެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސް ބޮޑަށް އަމާޒުކޮށްފައި ވަނީ ގެސްޓްހައުސްތަކުގެ ވިޔަފާރި ރަނގަޅުކޮށް، އިތުރު ޓޫރިސްޓުން ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކުރުމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓައިޓްލް ސްޕޮންސާ ނަގާފައިވާ މި ކޮންފަރެންސްގައި ގިނަ އަދަދެއްގެ ތަޖުރިބާކާރުން ވެސް އެކި ގަޑިގަޑީގައި ވާހަކަ ދައްކަވާނެ އެވެ. އޭގެ ތެރޭގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އާއި ސީއެމްޑީއޭގެ ސީއީއޯ އަހުމަދު ނަސީރާއި މެގަ މޯލްޑިވްސްގެ ޑިރެކްޓަރު މިފްޒާލް އަހުމަދު ހިމެނިވަޑައިގަންނަ އެވެ. އަދި ބޭރުގެ ތަޖުރިބާކާރުންގެ ގޮތުގައި، އެމެރިކަން އެކްސްޕްރެސް ކާޑުގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޑިރެކްޓަރު ކުރުސް ދަސްތޫރާއި އިންޑިއާގެ އެންމެ ބޮޑު އޮންލައިން ބުކިން ސައިޓް އެކްސްޕީޑިއާގެ ސީނިއަ މާކެޓިން މެނޭޖަރު އަބޭ ކަންނާ އާއި ބުކިން ޑޮޓްކޮމްގެ އެކައުންޓިން މެނޭޖަރު ސީސާން ޖޯންސަން އަދި ގެސްޓް ހައުސްތަކަށް ހާއްސަ ބުކިންގެ ހިދުމަތް ދޭ ވިސްޓާ ރޫމްގެ ކޯފައުންޑަރު އަމިތު ވާހަކަ ދައްކަވާނެ އެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ގެޓަވޭސްގެ ޑިރެކްޓަރު ސަނީ އުމަރު ވިދާޅުވި ގޮތުގައި ގެސްޓްހައުސް ވިޔަފާރި ދުވަހެއް ދުވަހަކަށް ރާއްޖޭގައި ކުރިއަރަމުން އަންނަ ކަމަށެވެ. އެއީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީ ވަމުން އަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިތަކުގެ އަމާޒަކީ އަހަރަކު 500،000 ޓޫރިސްޓުން ގެސްޓްހައުސްތަކަށް ގެނައުން ކަމަށެވެ.

ގެސްޓްހައުސް ކޮންފަރެންސްގައި މޯލްޑިވްސް ގެޓަވޭސްގެ ޑިރެކްޓަރު ސަނީ އުމަރު މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ އަމާޒު ހާސިލުކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ވަނީ މިއަދު ދީފަ އެވެ. ކޮންފަރެންސްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި ގޮތުގައި އެ ބޭންކުން މިހާރު ވެސް ދެމުން އަންނަ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ އޭޓީއެމް އާއި ކާޑާއި އޮންލައިން ޕޭމަންޓް ގޭޓްވޭ ފަދަ ކަންކަމުގެ ފައިދާ ގެސްޓްހައުސްތަކަށް ވެސް ވަރަށް ބޮޑަށް ކުރެ އެވެ. އެ ބޭންކުން މި އަހަރުގެ މިހާތަނަށް ދެ ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި ވާއިރު، ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ ތަންތަނަށް އެ ފައިސާގެ ފައިދާކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ޓޫރިސްޓުން ގެނައުން ކުރިއަށް ގެންދަންޖެހޭ. ޓޫރިޒަމާއި އެހެން ދާއިރާތަކަށް އިންވެސްޓްމަންޓް ގެނައުން ވެސް ކުރިއަށް ގެންދަންޖެހޭ،" އެންޑްރޫ ވިދާޅުވި އެވެ.

ގެސްޓްހައުސް ކޮންފަރެންސްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި 390 އަށް ވުރެ ގިނަ ގެސްޓްހައުސް އެބަހުއްޓެވެ. ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ކ. މާފުށީގައި 45 އަށް ވުރެ ގިނަ ގެސްޓަހައުސް ހުރިއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް މި ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހުންގެ އަދަދު ވަރަށް ބާރަށް އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ.