ގެސްޓްހައުސްތަކަށް ހާއްސަ އިންޝުއަރެންސް ސްކީމެއް އެލައިޑުން ތައާރަފްކޮށްފި

ގެސްޓްހައުސްތަކަށް ހާއްސަ އިންޝުއަރެންސް ސްކީމެއް އެލައިޑް އިންޝުއަރެންސް އިން މިއަދު ތައާރަފްކޮށްފި އެވެ.


މިހާރު ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ގެސްޓްހައުސް ކޮންފަރެންސްގައި ތައާރަފްކުރި ސްކީމުގައި ތިން ޕެކޭޖެއް ހިމެނެ އެވެ. އެއީ ބަޖެޓު، ބަޖެޓު ޕްލަސް އަދި ޕްރިމިއަމް އެވެ.

އެ ތިން ޕެކޭޖުގެ ދަށުން ވެސް އަލިފާނުގެ ހާދިސާތަކާއި ހޮނުއެޅުން އަދި ގޮވުމުން ލިބޭ ގެއްލުންތަކާއި މުޒާހަރާތަކާއި ހަޅުތާލުތަކުން ލިބޭ ގެއްލުންތަކުގެ އިތުރަށް، ގަސްދުގައި މީހަކު ނުވަތަ ބަޔަކު ދޭ ގެއްލުމުގެ ބަދަލު ލިބެ އެވެ. އަދި އެއްގަމު އުޅަނދެއް، މަތިންދާބޯޓެއް ނުވަތަ އުދުހޭ ވަސީލަތްތައް މުޑިއެރުމުން ގެސްޓްހައުސް އަށް ލިބޭ ގެއްލުން ވެސް ކަވަރު ކުރެ އެވެ. މީގެ އިތުރުން، ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުމާއި ގެސްޓްހައުސް ހިންގުމުގައި ތިންވަނަ ފަރާތަކަށް ލިބިދާނެ ގެއްލުމަށް ވެސް މި ޕެކޭޖުތަކުގެ ދަށުން ބަދަލު ލިބެ އެވެ.

އޭގެ އިތުރުން، ބަޖެޓު ޕްލަސް ނަގާ ގެސްޓްހައުސްތަކަށް ވައްކަމުގެ ސަަބަބުން ލިބޭ ގެއްލުމާއި އެކްސިޑެންޓްތަކުގެ ސަބަބުން ދާއިމީ މުވައްޒަފުންނަށް ލިބޭ އަނިޔާ އާއި ދާއިމީ ގެެއްލުން އަދި މަރުގެ ހާދިސާތަކަށް ބަދަލު ހޯދުމުގެ ފުރުސަތު ވެސް ލިބެ އެވެ.

ޕްރިމިއަމް ނަގާ ނަމަ ބަޖެޓު އަދި ބަޖެޓު ޕްލަސްގެ ހުރިހާ ހިދުމަތްތަކާ އެކު ވޯޓަސްޕޯޓްސްގެ ހަރަކާތްތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގު ފުރުސަތު ލިބެ އެވެ. އަދި ގުދުރަތީ ކަމެއްގެ ސަބަބުން ވިޔަފާރި ހުއްޓިއްޖެ ނަމަ އެ މުއްދަތުގައި ގެއްލޭ މާލީ ފައިދާގެ ބަދަލަށް ވެސް ޕްރިމިއަމް ޕެކޭޖުގެ ދަށުން އެދެ ވެ އެވެ.

"އެލައިޑް އިންޝުއަރަންސް ކުންފުނީގެ އުއްމީދަކީ މި ޕެކޭޖުތަކާ އެކު އިންޝުއަރަންސް ކުޑައިގެ ދަށުގައި ގެސްޓްހައުސްތަކުން ހިމާޔަތް ހޯދައި، ސަލާމަތާއި ރައްކާތެރިކަން މަތީ ދެމި ތިބެ މި އަގުހުރި ވިޔަފާރީގެ ފުރިހަމަ ނަފާ އާއި މަންފާ ހޯދުން،" އެލައިޑުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވި އެވެ.

ގެސްޓްހައުސް އިންޝުއަރެންސް ޕެކޭޖާ އެކު އެޑްއޮންއެއްގެ ގޮތުގައި އެލައިޑުން ދޭ އެހެން އިންޝުއަރެންސް ސްކީމެއްގައި ވެސް ބައިވެރިވެ ވެ އެވެ. އޭގެ ތެރޭގައި ދޯނިފަހަރަށް ދޭ މެރިން ހަލް އިންޝުއަރެންސާއި އެއްގަމު އުޅަނދަށް ދޭ މޮޓޯ އިންޝުއަރެންސް ފަދަ ސްކީމްތައް ހިމެނެ އެވެ.

ރާއްޖޭގައި 390 އަށް ވުރެ ގިނަ ގެސްޓްހައުސް އެބަހުއްޓެވެ. ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ކ. މާފުށީގައި 45 އަށް ވުރެ ގިނަ ގެސްޓަހައުސް ހުރިއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް މި ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހުންގެ އަދަދު ވަރަށް ބާރަށް އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ.