ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގަން: ޝަޒައިލް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި އޭނާ ސަސްޕެންޑު ކުރި ނަމަވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.


ސަރުކާރުގެ "ޒީރޯ ޓޮލަރެންސް"ގެ ދަށުން ޝަޒައިލް ސަސްޕެންޑްކުރީ އަންގާރަ ދުވަހު އެވެ. ރައިސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޝަޒައިލް ސަސްޕެންޑް ކުރީ ސަރުކާރުގެ "ޒީރޮ ޓޮލަރެންސް ޓު ކޮރަޕްޝަން" ގެ ދަށުން ހަދާފައިވާ ޕޯޓަލް އަށް ލިބިފައިވާ ޝަަކުވާތަކާ ގުޅިގެން ކަމަށެވެ. އަދި އެމައްސަލަތައް ބަލައި ނިމެންދެން ސަސްޕެންޝަނުގައި ބަހައްޓަނެ ކަަމަށް ހޫދު ވިދާޅުވި އެވެ.

ސަސްޕެންޑް ކުރުމާ ގުޅިގެން ޝަޒައިލް އިއްޔެ ފޭސްބުކްގައި ވަނީ، ސަރުކާރުން އޭނާ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުމަށް އިހުތިރާމްކޮށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ކުންފުނި ހިންގި ގޮތުގެ މައުލޫމާތު ފެންނަން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކުންފުނި ހިންގާފައިވާ ގޮތް ހިސާބުތަކުން ފެންނަން ހުންނާނެ. ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިފުރުސަތުގައި އެންމެނަށް އަރުވަން،" ޝަޒައިލް ލިޔުއްވާފައިވެ އެވެ.

ޝަޒައިލް ފޭސްބުކްގައި ކުރި ޕޯސްޓް އޭނާ ޓްވީޓުކޮށްފައި--

ޝަޒައިލް، މޯލްޑިވް ޖޭހުގެ އެމްޑީގެ މަގާމަށް އައްޔަނު ކުރީ، މިއަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު އެވެ. އޭނާ ވަނީ މީގެ ކުރިން ކޫއްޑޫ ފިޝަރީޒްގެ ޗެއާމަން ކަމާއި ފިޝަރީޒް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ.