ކަނޑުގެ އުޅަނދުތައް ދިރާގުން މިހާރު ޓްރެކް ކުރެވޭނެ

ކަނޑުގެ އުޅަނދުތަކުގެ ލައިވް އަޕްޑޭޓް ބަލާލެވޭ "ޓްރެކިން ސާވިސް" ދިރާގުން ތައާރަފް ކޮށްފި އެވެ.


މި ހިދުމަތް ތައާރަފް ކޮށްދެއްވީ މިއަދު ފެށި މޯލްޑިވްސް މެރިން އެކްސްޕޯގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ދިރާގުގެ ޗީފް މާކެޓިން އޮފިސާ މަހުމޫދު ދައްސޭ އެވެ. ދިރާގުން ވަނީ މި ހިދުމަތް ޓެސްޓް ކޮށްލަން ބޭނުންވާ ފަރާތްތަކަށް އެކްސްޕޯގެ ތެރެއިން އެ ފުރުސަތު ހުޅުވާލައިފަ އެވެ.

މިއަދު ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ ކޮންމެ ތަނެއްގައި ބޯޓު އޮތް ނަމަވެެސް ބޯޓު އޮތްތަން ވަގުތުން ބަލައިލެވޭނެ އެވެ. އަދި ގިނަ ބޯޓުތައް އޮޕަރޭޓް ކުރާ މީހުންނަށް ހުރިހާ ބޯޓެއްގެ އެންމެ ފަހުގެ އަޕްޑޭޓުތައް މި ހިދުމަތުގެ ޒަރީއާއިން ބަލއިލެވޭނެ އެވެ.

ދިރާގުގެ ޓްރެކިން ސާވިސް ތައްޔާރުކޮށްފައިވަނީ ކަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ އެކަން އަވަހަށް އަންގާލެވޭނެ ގޮތަށެވެ. އެގޮތުން، ދިރާގުގެ ޓްރެކިން އެޕުގައި އިންނަ "ޕެނިކް" ފިތައް ފިއްތާލުމުން އިމަޖެންސީ ނަންބަރަށް ވަގުތުުން ގުޅާލެވޭނެ އެވެ.

ސެންޗޫރިއަންގެ ޗެއާމަން ކެޕްޓަން އަހުމަދު މައުމޫން ވިދާޅުވީ މި ހިދުމަތަކީ ހުރިހާ އުޅަނދެއްގައި ވެސް ގެންގުޅުން މުހިންމު ހިދުމަތެއް ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ބޯޓުތައް އޮޕަރޭތް ކުރަން ފަސޭހަވެ ކްރޫއިން މެނޭޖް ކުރަން ވެސް ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ.