ޓަޗްލިންކް ކާޑު އެމްޓީސީސީގެ ޓާމިނަލްތަކުން ރީލޯޑް ކުރެވޭނެ

އެމްޕީއެލްގެ ބަސްތަކުގައި ބޭނުންކުރާ ޓަޗްލިންކް ކާޑުތައް އެމްޓީސީސީގެ ޓާމިނަލްތަކުން ރީލޯޑް ކުރެވޭގޮތް ހެދުމަށް އެއްބަސްވެއްޖެ އެވެ.


މިއަދު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އެވެ. އެމްޓިސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

އެމްޕީއެލް އާއި އެމްޓީސީސީއާ ދެމެދު ވެފައިވާ މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީގެ ޓާމިނަލްތަކުން ޓަޗްލިންކް ކާޑުތައް ރީލޯޑް ކުރުމުގެ އިތުރުން ކާޑު ގަންނަން ވެސް ލިބޭނެ އެވެ. މި ހިދުމަތް އަންނަ ހުކުރު ދުވަހުން ފެށިގެން އެމްޓީސީސީގެ ޓާމިނަލްތަކުން ލިބޭނެ އެވެ.

މި ހިދުމަތް ލިބެން ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލާއި، މާލެ-ވިލިނގިލި ފެރީ ޓާމިނަލާއި، ވިލިނގިލި ޓާމިނަލުންނެވެ. މީގެ އިތުރުން އެމްޕީއެލްގެ މާލެ-ހުޅުމާލެ ބަސްޓާމިނަލާއި ހުޅުމާލެ ބަސް ޓާމިނަލުން ވެސް މި ހިދުމަތްތައް ލިބޭނެ އެވެ.

އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު މަހުޖޫބް ވިދާޅުވީ މި ހިދުމަތް އެ ކުންފުނީގެ ތިން ޓާމިނަލުން ލިބުނު ނަމަވެސް ކުރިއަށް އޮތްތާނގައި މާލެ-ހުޅުމާލެ ބަސް ޓާމިނަލުން ވެސް މި ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި އާންމު ފިހާރަތަކުން ވެސް މި ހިދުމަތް ދިނުމަސް ވިސްނަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.