ރެސްޓޯރަންޓެއްގެ ވަޒީފާއަކަށް ސީވީއާ އެކު ފޮޓޯ ހުށަހަޅަން އެންގުމުން ފާޑުކިޔަނީ

އިނގިރޭސިވިލާތުގެ ލީޑްސްގައި ހިންގާ ރެސްޓޯރަންޓަކުން ވަޒީފާގެ ފުރުސަތެއް ހުޅުވައިލި އިރު، ވަޒީފާ އަށް އެޕްލައިކުރާ މީހުން ސީވީއާ އެކު ފޮޓޯއެއް ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސާފައި ވާތީ އެއީ ތަފާތުކުރުންތަކަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔަން ފަށައިފި އެވެ.


ލީޑްސްގައި ހިންގާ އެއް ތަރީގެ ރެސްޓޯރަންޓް ދަ "މޭން ބިހައިންޑް ދަ ކާޓެއިން" ގެ ފްރަންޓް ހައުސް އަށް މުވައްޒަފަކު ހޯދަން އެތަނުގެ ވެރިޔާ ޝެފް މައިކަލް އޮ'ހެއާ ކުރި ޓްވީޓްގައި ބުނީ ހަފުތާއަކު 45 ގަޑިއިރު މަސައްކަތްކުރަން ޖެހޭ ވަޒީފާގެ މުސާރަ އަކީ އަހަރަކު 24،000 ޕައުންޑް (31,068 ޑޮލަރު) ކަމަށެވެ. އަދި ވަޒީފާ އަށް އެޕްލައިކުރާ އިރު ސީވީތަކާ އެކު އެ މީހެއްގެ ފަހުގެ ފޮޓޯއެއް ފޮނުވަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ބައެއް މީހުން ވަނީ ފޮޓޯއެއް ބޭނުން ވަނީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ. އަދި ވަޒީފާ އަކީ މީހެއްގެ ސޫރަ އާއި ސިފަ އަށް ބަލައިފައި ދޭން އެއްޗެއް ނޫން ކަމަށް ގިނަ ބަޔަކު ބުންޏެވެ.

ހިއުމަން ރިސޯސް (އެޗްއާރް) ކޮންސަލްޓަންޓެއް ކަމަށްވާ އަބީ ވެސް ބުނީ ވަޒީފާ އަށް އެޕްލައިކުރާ އިރު ފޮޓޯއެއް ހުށަހަޅަން އެންގުމަކީ "ރިސްކީ" ކަމެއް ކަމަށާއި އެއީ ތަފާތުކުރުންތަކަށް ވެސް ދެވޭ ދައުވަތެއް ކަމަށެވެ.

މިކަމަށް ފާޑުކީ ރެސްޓޯރަންޓެއް ކަމަށްވާ ރޫބީޒް ސްޓްރީޓް ކިޗެން އިން ބުނީ އެތަނުން ދުވަހަކު ވެސް މީހުންގެ ސިފަ އަށް ބަލައިފައި ވަޒީފާތަކަށް މީހުން ނުނަގާ ކަމަށެވެ.

"އަހަރެމެން ވަޒީފާތަކަށް މީހުން ނަގަނީ އިންޓަވިއުކޮށްފައި މަގާމަށް އެންމެ ގާބިލު މީހަކީ ކޮބައިތޯ ބަލާފައި،" ރޫބީޒުން ބުންޏެވެ.

ފާޑުކިޔުންތައް އަމާޒުވުމުން މައިކަލް ވަނީ ދިފާއުގައި ޓްވީޓްތަކެއް ވެސް ކޮށްފަ އެވެ. އޭނާ ބުނީ ސީވީއާ އެކު ފޮޓޯ ހުށަޅަން ބުނީ ވަޒީފާ އަށް ކުރިމަތިލާ މީހުން ދެނެގަންނަން ފަސޭހައަކަށް ކަމަށާއި އެއީ އާ ކަމެއް ވެސް ނޫން ކަމަށެވެ. އަދި ޓްވިޓާގައި ބޭކާރު އަޑުއުފުލާ މީހުންނަކީ ނަފުރަތު އުފައްދަން އުޅޭ ބައެއް ކަމަށް ސިފަކޮށްފައިވެ އެވެ.