ގޫގްލް އިން 2.1 ބިލިއަން ޑޮލަރަށް ފިޓްބިޓް ގަނެފި

ގޫގްލް އިން އެމެރިކާގެ ފިޓްނެސް ޓްރެކިން ކުންފުނި ފިޓްބިޓް 2.1 މިލިއަން ޑޮލަރަށް ގަނެފި އެވެ.


މިކަމާ ބެހޭ ގޮތުން ގޫގްލް އިން ބުނީ މި ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން އެ ކުންފުންޏަށް ކުރިއަށް އޮތް ތަނުގައި އެޕަލް އާއި ސެމްސަންގް ފަދަ ވަރުގަދަ ކުންފުނިތަކާ ވާދަކުރެވޭ ވަރުގެ ޑިވައިސްތައް އުފެއްދޭނެ ކަމަށެވެ. އަދި ފިޓްބިޓަކީ "ވެއަރަބަލް ޑިވައިސްތަކަށް" ބޮޑު ބަދަލެއް ގެނެސްދިން ކުންފުންޏެއް ކަމަށް ބުންޏެވެ.

ގޫގްލްގެ އެކްޒެކެޓިވް ރިކް އޮސްޓާލޯ ވިދާޅުވި ގޮތުގައި އެ ކުންފުނިން ފިޓްބިޓް ގަތުމަކީ ތަރައްގީކުރަމުން އަންނަ "ވެއާ އޯއެސް" އަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

"އެހެންވީމާ ކުރިއަށް އޮތް ތަނުގައި ފިޓްބިޓްގެ އެކްސްޕަޓީޒާއެކު އަހަރެމެންގެ މަސައްކަތްތައް އިތުރަށް ފުޅާވެ، ވަރުގަދަވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ފިޓްބިޓްގެ އެއް ބާނީ އަދި ސީއީއޯ ޖޭމްސް ޕާކް ވިދާޅުވި ގޮތުގައި ފިޓްބިޓަކީ މިހާރު އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ބްރޭންޑަކަށްވާތީ، އެ ކުންފުނީގެ މަސައްކަތް އިތުރަށް ތަރައްގީކުރަން ގޫގުލްއަކީ ވަރަށް ރަނގަޅު ބައިވެރިއެކެވެ. އަދި މި ގުޅުމުގެ ތެރެއިން ބޮޑެތި ތަފާތުތަކެއް ދައްކުވައިދޭނެ ކަމަށް ވިދާޅުވި އެވެ.

ފިޓްބިޓަކީ 2007 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެ ކުންފުނި ބޮޑަށް މަޝްހޫރީ ސިއްހަތާ ގުޅުން ހުރި ޒަމާނީ ޑިވައިސްތައް އުފައްދާ ކުންފުންޏެއްގެ ގޮތުގަ އެވެ.