ކޮންމެ ސިނގިރޭޓަކުން 1ރ. ޑިއުޓީ ބޮޑުކުރަނީ

ސިނގިރޭޓުން މިހާރު ނަގާ ޑިއުޓީ އަންނަ އަހަރު ބޮޑުކޮށް، ކޮންމެ ސިނގިރޭޓަކުން 1ރ. އިތުރަށް ނަގާގޮތަށް ސަރުކާރުން ނިންމައިފި އެވެ.


ދަައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާ އެކު އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ އާ ކަންކަން ވަނީ މިއަދު ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުތައް ހިމެނެ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އަންނާނީ ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީއަށެވެ.

މި ބަދަލާ އެކު، އާންމުކޮށް 20 ސިނގިރޭޓް ހިމެނޭ ސިނގިރޭޓް ފޮއްޓަކުން 20ރ. ބޮޑުވެގެން ދާނެ އެވެ. މީގެ ކުރިން ސިނގިރޭޓަކުން ޑިއުޓީ ނަގަމުން އައީ ދެ ރުފިޔާ އެވެ. މި ބަދަލު ގެނައުމުން ސިނގިރޭޓުން ނަގާ ޑިއުޓީ ތިން ރުފިޔާ އަށް ބޮޑުވާނެ އެވެ.

މި ބަދަލު އަންނަ އަހަރު ގެންނަން ނިންމައި، އިމްޕޯޓް އެކްސްޕޯޓް ގާނޫނުތަކަށް ގެންނަ މި އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް މި މަހުގެ ތެރޭގައި ފޮނުވާނެ އެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީ ހޯދުމަށް ހިމަނާފައިވާ އާ ކަންކަމުން 2.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. މީގެ ތެރެއިން ކަސްޓަމްސްގެ ފީ އާއި އިމްޕޯޓް ޑިއުޓީން 558 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ 2017 ވަނަ ބޮޑު ކުރި އެވެ. އޭރު ސިނގިރޭޓު ޑިއުޓީން ނަގަމުން އައި 1.25 ރުފިޔާއަށް އިތުރު 75 ލާރި އިތުރުކޮށް، އިމްޕޯޓް ޑިއުޓީ ދެ ރުފިޔާއަށް ބޮޑުކޮށްފައިވެ އެވެ.

ދައުލަތުގެ އާމްދަނީ އަށް ދެން އިތުރުވާ ކަންކަމުގެ ތެރޭގައި މަސައްކަތް ކުރާ ބިދޭސީންގެ ކޯޓާ ފީ އާއި އިންކަމް ޓެކްސް އާއި ރިސޯޓު ހެދުމަށް އަލަށް ދޫކުރާ ރަށްތަކުން ލިބޭ އެކުއިޒިޝަން ކޯސްޓާއި އެއާޕޯޓް ސާވިސް ޗާޖު ހިމެނެ އެވެ. އާކަންކަމާއި ޓެކްސްގެ އާމްދަނީއާ އެކު ދައުލަތަށް 29 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ފާހަގަކޮށްފައިވެ އެވެ.