ޓޫރިޒަމް ދުވަހު ރާއްޖެ އައި ޓޫރިސްޓުންނަށް ހާއްސަ މަރުހަބާއެއް

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް، މިއަދު ރާއްޖެ އައި ފުރަތަމަ ޓޫރިސްޓުންނަށް ހާއްސަ މަރުހަބާއެއް ކިޔައިފި އެވެ.


މިއަދު ހެނދުނު 6:50 ގައި ޖެއްސި ކޮރެއަން އެއާގެ ފްލައިޓާއި 7:30 ގައި ޖެއްސި އެމިރޭޓްސްގެ ފްލައިޓުން ރާއްޖެ އައި ޓޫރިސްޓުންނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ އެރައިވަލް ހޯލުން މަރުހަބާ ކީ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އާއި ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މުވައްޒަފުންނެވެ.

މިއަދު ހެނދުނު ރާއްޖެ އައި ޓޫރިސްޓަކަށް ހަދިޔާއެއް ދެނީ: އެއާޕޯޓުގައި ސަގާފީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެނދުނު އައި ޓޫރިސްޓުންނަށް ރާއްޖޭގެ ރީތިކަން ދައްކައިދޭ ކުޑަ ހަދިޔާއެއް ދިނެވެ. އަދި އެ ވަގުތު އެރައިވަލް ހޯލުގައި ވަނީ ދިވެހި ސަގާފީ ލަވަ އާއި ނެށުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މިއަދު ހެނދުނު ރާއްޖެ އައި ޓޫރިސްޓުންނަށް މަރުހަބާ ކިއުމަށް އެއާޕޯޓުގައި ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުނިޔޭގެ ޓޫރިޒަމް ދުވަސް ރާއްޖޭގައި ވެސް ފާހަގަކުރަމުން އަންނައިރު، ޓޫރިޒަމް އިޝްތިހާރު ކުރުމާ ގުޅޭ ގޮތުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ފޯރަމާ އެކު ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމާ ބެހޭ ކޮންފަރެންސެއް މިއަދު ވަނީ ފަށާފަ އެވެ. ދެ ދުވަހުގެ މި ކޮންފަރެންސްގައި ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންނާއި ބޭރުގެ ތަޖުރިބާކާރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރާއްޖޭގެ ޓޫރިޒަމް އަޑިއަޅާލާފައި އޮތުމަށް ފަހު މިހާރު އަނެއްކާ ވެސް ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އެކަމަކު، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗަައިނާ ފަދަ މުހިއްމު މާކެޓުތައް ދަށަށް ދިއުމުގެ ބިރު އެބައޮތެވެ.