ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ށ. ފޭދޫ ގެތަކަށް ބިއްލޫރި ފުޅި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ށ. ފޭދޫގެ ހުރިހާ ގެއަކަށް ބިއްލޫރި ފުޅި ބަހައިފި އެވެ.


ފޭދޫގެ ގެތަކަށް 1،000 ބިއްލޫރި ފުޅި ބެހި އެވެ. އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ގޮތުުން އެ ރަށުގައި ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓަކީ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދެވަނަ ކުއާޓާގައި އިފްތިތާހު ކުރި ފުރަތަމަ ޕްރޮޖެކްޓެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެ ބޭންކުން އަމިއްލަ ފަރާތްތަކަށް އެހީތެރިވުމުގައި ތިމާވެށި ހިމާޔަތްކުރުމާއި ތިމާވެއްޓާ ރައްޓެހި ޕްރޮގްރާމްތަކަށް އިސްކަން ދޭ ކަމަށެވެ. އަދި ފޭދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓުގެ ސަބަބުން އެ ރަށަކީ ތިމާވެއްޓާ ރައްޓެހި ނަމޫނާ ރަށަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ށ. ފޭދޫގައި ބިއްލޫރި ފުޅި ބަހަނީ. -- ފޮޓޯ: ބީއެމްއެލް

ފޭދޫގައި މި ޕްރޮގްރާމް ހިންގުމަށް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅީ އެ ރަށުގެ އެންވަރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުންނެވެ. އެ އެސޯސިއޭޝަނުން ބުނީ ކޮމިއުނިޓީ ފަންޑަކީ ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

"ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް ރަނުގެ ފުރުސަތެއް. މި ފަންޑު އިއުލާނު ކުރުމުން އަޅުގަނޑުމެން ވިސްނީ މި ރަށަށް މިވަގުތު އެންމެ މުހިންމު ކަމެއް. އެގޮތުން ބިއްލޫރި ފުޅިތައް ބެހުމަކީ މި ރަށުގެ ހުރިހާ ރައްޔިތުން ވެސް ޕްލާސްޓިކް ނޫން ގޮތެެއް ހިޔާރު ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް،" ފޭދޫ އެންވަޔަރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ބުންޏެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 50,000ރ. ބީއެމްއެލް އިން ދެއެވެ.