ޑީޑޮސް އެޓޭކަކާ ހެދި ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫއަރައިފި

ޑިނަޔަލް އޮފް ސާވިސް އެޓޭކް (ޑީޑޮސް) ގެ ސަބަބުން ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.


މިއަދު ބީއެމްއެލުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ބޭންކުން ދޭ ގިނަ ހިިދުމަތްތަކެއް ލިބުމުގައި ޑީޑޮސް އެޓޭކުތަކެއްގެ ސަބަބުން ދަތިތަތަކާ ކުރިމަތިވެދާނެ ކަމަށެވެ. މި ހިދުމަތްތަކުގެ ތެރޭގައި ބޭންކުގެ ވެބްސައިޓާއި ޑޮލަރު ޕޯޓަލް އާއި މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިން ހިމެނެ އެވެ.

މި ހިދުމަތްތައް ލިބުމުގައި ދިމާވެދާނެ ދަތިތަކަށް ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފަ އެވެ. މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ބީއެމްއެލުން އަންނަނީ ކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ވަނި ބުރޫ އަރައިފަ އެވެ. ނަމަވެސް ގިނަ އިރެއް ނުވެ ބޭންކުން ވަނީ މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފަ އެވެ.

ޑީޑޮސް އަކީ ގިނަ އަދަދެއްގެ ޑިވައިސްތައް ބޭނުންކޮށްގެން ނެޓްވޯކް ފްލަޑް ކުރުމަށް ދޭ އެޓޭކެކެވެ. މި އެޓޭކުގެ ސަބަބުން، ހިދުމަތް ހޯދާ ފަރާތްތަކަށާއި ހިދުމަތް ދޭ ފަރާތްތަކަށް ދަތިތައް ކުރިމަތިވާނެ އެވެ.