މަގާމާ ހަވާލުވި އިރު 800 އަށް ވުރެ ގިނަ މައްސަލަ އޮތް: ޝިއުނާ

މިދިޔަ ސެޕްޓެމްބަރު މަގާމާ ހަވާލުވެ ވަޑައިގަތް އިރު 800 އަށް ވުރެ ގިނަ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށާއި އޭގެ ތެރޭގައި 10 އަހަރުވެފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.


މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ކޮމިޓީގައި އޭނާ ވިދާޅުވީ، އޭސީސީގެ މަސައްކަތްތައް ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ ބޭނުންވާ އިންސާނީ ވަސީލަތްތައް ނެތުން ކަމަށެވެ. އެ ކޮމިޝަންގައި 107 މުވައްޒަފުން މިހާރު ވެސް މަސައްކަތް ކުރާ އިރު އޭގެ ތެރެއިން 45 މުވައްޒަފުންނަކީ އިންވެސްޓިގޭޝަން އޮފިސަރުންނެވެ. އިންވެސްޓިގޭޝަން އޮފިސަރުންގެ ތެރެއިން ކޮންމެ އޮފިސަރަކަށް މިހާރު ވެސް 16 ވަރަކަށް މައްސަލަ ބަލަން ޖެހިފައިވާ ކަމަށާއި މަސައްކަތްތައް އަވަސް ކުރުމަށްޓަކައި އިތުރު 25 މުވައްޒަފުން ބޭނުންވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދުވާލެއްގެ މައްޗަށް 12 ވަރަކަށް މައްސަލަ އޭސީސީ އަށް ހުށަހަޅާ އިރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 260 މައްސަލަ ހުށަހެޅޭ ކަމަށެވެ. މި ހުރިހާ މައްސަލައެއް ބޭނުންވާ ސްޕީޑުގައި ގެންދިޔުމަށްޓަކައި މުވައްޒަފުން އިތުރުކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ، މުވައްޒަފުންގެ އިތުރުން އެ ކޮމިޝަންގައި ބޭނުންކުރާ ކޮމްޕިއުޓާ ސިސްޓަމްތައް ވެސް އާކުރަން ޖެހިފައިވާ ކަމަށެވެ.

"ބަޖެޓް ހުށަހެޅި އިރު ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން 8.8 މިލިއަން ރުފިޔާ ހުށަހަޅާފައި އިންނާނެ. އެހެން ނަމަވެސް އެޕްރޫވް ކޮށްފައިވަނީ 1.9 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

މިކަންކަމުގެ ތެރެއިން ވެސް ވަރަށް ގިނަ ކަންކަމަށް އަދަދުތައް ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭސީސީ އަކީ ތަހުގީގު ކުރުމަށާއި އާންމުން ހޭލުންތެރި ކުރުމަށްޓަކައި ގިނަ ދަތުރުތަކެއް ކުރާ އިދާރާއަކަށް ވާ އިރު އެކަމަށް ބޭނުންވާ އެކަށީގެންވާ އަދަދެއް ބަޖެޓުގައި ނެތްކަން ޝިއުނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި އިދާރީ ގޮތުން ބޭނުންވާ ތަކެއްޗާއި އެ އިދާރާގެ ނެޓްވޯކް ވިއުގަ އަޕްޑޭޓް ކުރަން ޖެހޭ ކަމަށެވެ.

އަންނަ އަހަރަށް އޭސީސީ އަށް ކަނޑައަޅާފައިވާ ބަޖެޓަކީ 34.8 މިލިއަން ރުފިޔާ އެވެ. ޝިއުނާ ވިދާޅުވީ، ނެޓްވޯކް ވިއުގަ ބަދަލުކޮށް އިތުރު މުވައްޒަފުން ހޯދުމަށްޓަކައި އެ ކޮމިޝަންގެ ބަޖެޓް 41.6 މިލިއަން ރުފިޔާ އަށް އިތުރު ކުރަން ޖެހޭ ކަމަށެވެ.

މި އަހަރަށް އޭސީސީ އަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްވެފައިވާ އިރު އަންނަ ޑިސެމްބަރު މަހުގެ މުސާރަ ދިނުމަށް ވެސް ބަޖެޓުން ބޭރުން ފައިސާ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.