ފުރަތަމަ ދުވަހު ވެސް ޑިޒްނީ+ އަށް ޓެކްނިކަލް މައްސަލަތަކެއް

ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ+ އަންގާރަ ދުވަހު ލޯންޗްކުރުމާ އެކު ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ސަބްސްކްރައިބަރުންނަށް ހިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާވެއްޖެ އެވެ.


މިކަން ބައެއް މީހުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވާ އިރު، ޑިޒްނީން ބުނީ ދިމާވި މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ޑިޒްނީ+ އެންމެ ފުރަތަމަ ތައާރަފުކޮށްފައި ވަނީ އެމެރިކާ އާއި ކެނެޑާގެ އިތުރުން ނެދަލެންޑްސްއަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް ހިދުމަތް ފުޅާކުރަމުން ގެންދާނެ ކަމަށް ބުންޏެވެ.

ޑިޒްނީ+ އިން މަހަކަށް ޗާޖްކުރަން ނިންމާފައި ވަނީ 6.99 ޑޮލަރެވެ. ޑިޒްނީގެ އަމާޒަކީ ސަބްސްކްރައިބަރުންގެ އަދަދު ވީހާ ވެސް އަވަހަކަށް މަދުވެގެން 60 މިލިއަނަށް އެރުވުމެވެ.

ޑިޒްނީ+ އިން އެ ކުންފުނީގެ 96 އަހަރުވީ ތާރީހުގައި ހިމެނޭ މުއްސަނދި ކޮންޓެންޓް ބަލައިލެވޭނެ އެވެ. މީގެ ތެރޭގައި ސީދާ އެ ސްޓޫޑިއޯގެ ފިލްމުތަކާއި މާލެވެލް ސްޓޫޑިއޯސް އާއި "ސްޓާ ވޯސް" ގެނެސްދޭ ލޫކަސް ފިލްމްސްގެ އުފެއްދުންތަކާއި ޕިކްޒާ، ޓްވެންޓިއެތު ސެންޗަރީ ފޮކްސް އަދި ނެޝަނަލް ޖޯގްރިފިކްގެ ކޮންޓެންޓްގެ އިތުރުން ސީދާ "ޑިޒްނީ+" އަށް ހާއްސަކޮށްގެން ގެނެސްދޭ އޮރިޖިނަލް އެތައް ކޮންޓެންޓެއް ހިމެނެ އެވެ. ސްޓްރީމިން ހިދުމަތް ދޭ ކުންފުނިތައް އިތުރުވަމުން އަންނަ އިރު، މި ވިޔަފާރީގެ އެންމެ ކުރީގައި އުޅެނީ ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ އެވެ.