ވޭޕިންއާ ގުޅުން ހުރި އެޕްތައް އެޕަލް ސްޓޯރުން ނަގަނީ

ވޭޕިންގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވެ ކަމާ ބެހޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އިތުރުވަމުންދާތީ، ވޭޕިންއާ ގުޅުން ހުރި މޮބައިލް އެޕްލިކޭޝަންތައް އެޕަލް ސްޓޯރުން ނަގަމުން އަންނަ ކަމަށް އެޕަލް ކުންފުނިން ބުނެފި އެވެ.


އެ ކުންފުންޏާ ހަވާލާދީ، ޓެކް ޚަބަރުތައް ގެނެސްދޭ އެޒިއޯސް އިން ބުނީ ވޭޕިންއާ ގުޅުން ހުރި 181 އެޕެއް މިހާރު ވެސް ޑައުންލޯޑްނުކުރެވޭ ގޮތަށް އެޕް ސްޓޯރުން ނަގާފައިވާ ކަމަށެވެ. އެޕަލް އިން ބުނިގޮތުގައި އީ-ސިނގިރެޓާއި ވޭޕިންއާ ހެދި ކުރިމަތިވަމުންދާ ސިއްހީ މައްސަލަތަކާ ގުޅިގެން ސިއްހީ ތަޖުރިބާކާރުންނާއި ކަމާބެހޭ ފަރާތްތަކުން ދޭ އިންޒާރުރުތަކަކީ ގަބޫލުކުރެވޭ ވާހަކަތަކެކެވެ.

އެހެންވެ ވޭޕިން އަށް ހިތްވަރުދެވޭ އެއްވެސް އެޕެއް އެޕް ސްޓޯރްގައި ނުހިމަނަން ނިންމީ ކަމަށް ބުންޏެވެ. އެޕަލް އިން ބުނީ އެ ކުންފުންޏާއި ކަސްޓަމަރުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެހެންވެ ނުރަނގަޅު އާދަތަކަށް މަގުފަހިވާ ކަހަލަ އެޕްތަކާ ދޭތެރޭ މިހާރަށް ވުރެ ބޮޑަށް ކުރިއަށް އޮތް ތަނުގައި ސަމާލުވާނެ ކަމަށް ބުންޏެވެ.

ވޭޕިންއާ ގުޅުން ހުރި ސިއްހީ މައްސަލަތަކުގައި އެމެރިކާ އިން އެކަނި ވެސް މިހާތަނަށް 42 މީހުން މަރުވެފައިވާ އިރު، ވޭޕިންގެ ސަބަބުން ފުއްޕާމޭގެ މައްސަލަތައް ޖެހިގެން 2،100 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނިގޮތުގައި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ދިޔާތަކެއްޗަކީ ނޭވާލާ ނިޒާމުގެ ބަލިތަކަށް މަގުފަހިކުރުވާ، ފުއްޕާ ހަލާކުކޮށްލާ ނުރައްކާތެރި އެއްޗިއްސެވެ.