33 ހިއްސާދާރުން ހިމެނޭ ކުންފުންޏެއް، ހިންގުމުގައި މުޅި އާއިލާ!

ހދ. ވައިކަރަދު އަށް އުފަން އަލީ ސުލައިމާން، އޭނާގެ ދަރިންނަށް މާލެ ފޮނުއްވީ ރަނގަޅު ތައުލީމެއް ދެއްވުމުގެ ބޭނުމުގަ އެވެ. އެ ދުވަސްވަރު އަލީ ސުލައިމާނު އަދާކުރެއްވީ ވައިކަރަދޫ ކަތީބު ކަމެވެ. އެ އަށް ފަހު ހދ. ގެ އަތޮޅުވެރިކަން ވެސް ކުރެއްވި އެވެ. އަލީ ސުލައިމާން ވައިކަރަދޫ ދޫކުރައްވައި 1970 ވަނަ އަހަރު މާލެ އަށް ދިރިއުޅުން ބަދަލުކުރެއްވީ އަތޮޅުވެރިކަމުގައި ހުންނަވަނިކޮށް ދައުލަތުން ޕެންޝަން ދެއްވުމުންނެވެ.


ޗާނދަނީ މަގުގައި ވިޔަފާރިއެއް ފެއްޓެވުމަށް ނިންމެވީ އާއިލާ އަށް ފާގަތި ދިރިއުޅުމެއް ހޯއްދަވައިދިނުމުގެ ބޭނުމުގަ އެވެ. ފެއްޓެވި ކުޑަ ވިޔަފާރި ފުޅާ ކުރެއްވުމަށް ފުރުސަތެއް ލިބުނީ އިނގިރޭސި ވިލާތާއި ނެދަލެންޑްގެ މަޝްރޫހު ޝެލް ކުންފުނިން ރާއްޖޭގައި ތެޔޮ ހޯދުމަށް ކުރި ދަތުރުތަކުގެ ސަބަބުންނެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް 1970 ގެ އަހަރުތަކުގައި އެ ކުންފުނީގެ ސާވޭޔަރުން ދަތުރު ކުރީ އަލީ ސުލައިމާނުގެ އެއް ބޯޓު ކަމަށްވާ "ސީލް ބޯޓް" ގަ އެވެ. އެއީ މީގެ 45 ވަރަކަށް އަހަރު ކުރީގެ ވާހަކަ އެވެ.

އަލީ ސުލައިމާންގެ އަމިއްލަ ނަމުގައި 35 އަހަރު ކުރެއްވި ވިޔަފާރިން ދަރީންނާއި ކާފަ ދަރީންނަށް ހިއްސާ ދެއްވައި "އާސްކް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ރަސްމީކޮށް ކުންފުންޏެއް ރަޖިސްޓަރީ ކުރެއްވީ 2004 ވަނަ އަހަރު އެވެ. އޭނާ ފެއްޓެވި ވިޔަފާރި އޭނާގެ ދަރިންނާއި ކާފަ ދަރިން އަންނަނީ ވަރަށް ފަރުވާތެރިކަމާ އެކު ކުރިއަށް ގެންދަމުންނެވެ.

އެ ކުންފުނީގެ މައި ހިއްސާދާރުންނަކީ އަލީ ސުލައިމާނުގެ އިތުރުން، ވިޔަފާރި އަމަލީ ގޮތުން ހިންގެވި ދަނބިދަރި، މުހައްމަދު އަލީ އާއި އަލީ ސުލައިމާންގެ ދަރިންނާއި ކާފަ ދަރިންނެވެ. އާންމުކޮށް ރާއްޖޭގެ އެހެން ކުންފުނިތަކާ ހިލާފަށް އެ ކުންފުނީގައި 33 ހިއްސާދާރުން ހިމެނެ އެވެ. އަލީ ސުލައިމާން ގަބޫލު ކުރެއްވި ގޮތުގައި ކަމެއް ރަނގަޅަށް ކުރެވޭނީ ގިނަ ބައެއްގެ ބައިވެރިވުމާ އެކު އެވެ. "އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ، ވަކިވެގަތުމަކީ ނިކަމެތިކަމެއް" މިއީ އޭނާ އަބަދުވެސް ހިފެހެއްޓެވި އުސޫލެވެ.

"ކުންފުނީގެ ހިއްސާ، ކާފަ ބެއްސެވީ ދަރިންނަށާއި ކާފަ ދަރިންނަށް، ވަރަށް ގިނަ ހިއްސާދާރުން ހިމެނޭ ގޮތަށް. އާއިލާގެ ހުރިހާ އެންމެންނަކީ ވެސް މި ކުންފުނީގެ ވެރިން. މިހާރު މި ކުންފުނި ހިނގަމުން މި އަންނަނީ ކޯޕަރޭޓް އުސޫލުތަކާ އެއްގޮތަށް ގަވައިދުން އޮޑިޓް ކުރެވި، އަދި ކޯޕްރޭޓް ގަވަނަންސްގެ ހަމަތަކާ ވެސް އެއްގޮތަށް،" އަލީ ސުލައިމާންގެ ކާފަ ބޭފުޅެއް ކަމަށްވާ ޒައިން ހަސަން ވިދާޅުވި އެވެ.

ބޮޑު ތާރީޚެއް އޮތް އެ ކުންފުނި 2009 ވަނަ އަހަރުން ފެށިގެން ހިންގަނީ މުޅިން ވެސް ކާފަ ދަރިންނެވެ. ކާފަ ދުނިޔޭގައި ނެތް ނަމަވެސް ވިޔަފާރި ކުރުމުގައި އޭނާގެ އުސޫލުތައް ހިފަހައްޓާ ކުންފުނި ތަރައްގީ ކުރުމުގައި ކުންފުނީގެ ވެރިން ތިބީ އޭރު ވެސް އަދި މިހާރު ވެސް ވަރަށް ސާބިތުކަމާ އެކު އެވެ.

ކުންފުނި އިތުރަށް ޒަމާނީކޮށް، އާވިސްނުންތައް ގެނެސް ހިންގުން ރަނގަޅު ކުރުމަށްޓަކައި އައިލާގެ މެންބަރުންގެ އިތުރުން ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަގެ މަގާމަށް އާއިލާއިން ބޭރު ފަރާތެއް އައްޔަނު ކުރުމަށް ކުންފުނީގެ ބޯޑުން ނިންމީ، އެ މަގާމަށް އިއުލާނުކޮށް، ބޯޑަށް އެންމެ ގާބިލުކަމަށް ފެނުނު ބޭފުޅެކެވެ. އެގޮތުން މިދިޔަ މަހު އެ މަގާމަށް މުހައްމަދު އަޝްފާގު އައްޔަނު ކުރެއްވި އެވެ. އަޝްފާގު ވިދާޅުވި ގޮތުގައި ކުންފުނި ކުރިއަށް ގެންގޮސް އާ ހަރުފަތްތަކަށް ގެންދިޔުމުގައި ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތެވެ.

އެލްބިއޯން ސްޓޯގައި ވިއްކާ ބައެއް ސާމާނު-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

"ވޭތުވެދިޔަ 15 އަހަރު ދުވަހު އާއިލީ މީހުން އަމިއްލަ އަށް ހިންގަމުން އައި ކުންފުންޏެއް އާއިލީ ނޫން މީހަކާ ހިންގުން ހަވާލުކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވާތީ. މިބަދަލު މިގެނެވުނީ އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ޒަމާނާ އެއްގޮތަށް ކުންފުނި ބަދަލުކުރުމުގެ ވިސްނުމާ އެކު. އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އާ މެނޭޖްމަންޓަށް ކުންފުނި ހިންގުމުގައި ގޮންޖެހުން ހުރި ކަމުގައި ވިޔަސް، ކުންފުނީގެ ބޯޑުން މި ބަދަލަށް މަރުހަބާ ކިޔާނަމަ އެކަންކަން އާ ހަރުފަތްތަކަށް ގެންދިޔުން ވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

މިވަގުތު އާސްކް ހޯލްޑިންގްސްގެ ދަށުން ހިންގަމުން އަންނަނީ އެލްބިއަން ސްޓޯރާއި އެލްބިއަން ސާވިސަސްގެ ވިޔަފާރި އެވެ. ހާޑްވެއާގެ ގިނަ ސާމާނުތައް ލިބޭ އެލްބިއަން ސްޓޯރަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ހާޑްވެއާ ފިހާރަތަކުގެ ތެރެއިން އެއް ފިހާރަ އެވެ. އެލްބިއަން ސްޓޯރަކީ ކޮންސްޓްރަކްޝަނަށް ބޭނުންވާ ގިނަ ތަކެތި ގަންނަން ލިބޭ، ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު ފިހާރައެކެވެ. މި ފިހާރަ އަށް ކަސްޓަމަރުން އަންނަ ސަބަބުތައް ވަރަށް ގިނަ އެވެ. ކޮލިޓީ ރަނގަޅު މުދާ، ހެޔޮ އަގުތަކެއްގައި ލިބުމައި ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވުން ހިމެނެ އެވެ. މި ވިޔަފާރީގެ އިތުރުން ކުރިއަށް އޮތްތަނުގައި އިތުރު ގިނަ ވިޔަފާރިތަކެއް ހިންގުމަކީ މިހާރުގެ މެނޭޖްމަންޓުގެ އަމާޒެވެ.

ކުންފުނީގެ ދިގު ތާރިހުގައި ގެންގުޅުނު ހަރުދަނާ ސިޔާސަތާއި ސަޕްލައިރަނުންނާ ބެހެއްޓި ގުޅުންތަކުގެ ސަބަބުން އެ ކުންފުންޏަށް ބޭރުގެ ސަޕްލަޔަރުން ކުރާ އިތުބާރު ވަރަށް ބޮޑެވެ. އެގޮތުން ސިންގަޕޫރާއި ތައިލޭންޑާއި މެލޭޝިއާގެ ގިނަ ކުންފުނިތަކުން އެ ކުންފުންޏާ ދޭތެރޭ ކުރާ އިތުބާރު ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ދުބާއީ އާއި އިންޑިޔާ އާއި ސްޕެއިން އާއި ޓައިވާން ގެ އިތުރުން ޗައިނާގެ ސަޕްލަޔަރުންނާ ވެސް ގާތްގުޅުމެއް އޮވެ އެވެ.

ވިޔަފާރި ކުރުމުގައި އެ ކުންފުންނީގެ ދިގު ތާރީހެއް އޮތް ނަމަވެސް ކުންފުނި ޒަމާނީ ކުރުމުގައި އެ ކުންފުންޏަކަށް ބޮޑެތި ގޮންޖެހުންތަކެއް ވެސް ކުރިމަތިވި އެވެ. އެހެން ނަމަވެސް މިދިޔަ 15 އަހަރުގެތެރޭ މި ބަދަލުތައް ގެނައުމުގައި ހުރިހާ ހިއްސާދާރުންނާއި ކުންފުންޏަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ހިވާގި މުވައްޒަފުންނާ އެކު ކުންފުނިން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

ކުންފުނި ޒަމާނީ ކުރުމުގެ ސަބަބުން، ހަރަދުތައް ކުޑަ ކުރެވި، ކުންފުންޏަށް ލިބޭ ނަފާ ވަނީ އިތުރުވެފަ އެވެ. ވިޔަފާރީގެ މުއާމަލާތް މިހާރު ހިނގަމުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެއްކުރެވިފައިވާ ޑޭޓާ އަށް ބުރަވެ އެވެ. މިފަދަ އެހެން ކުންފުނިތަކެކޭ އެއްގޮތަށް އާސްކް ހޯލްޑިންގްސްގެ އަމާޒަކީ މިހާރު ކުރާ މައިގަނޑު ވިޔަފާރި ފުޅާކޮށް އިތުރު ވިޔަފާރިތަކަށް ވަދެ ކުރިއެރުން ހާސިލުކޮށް އާއިލީ ފާގަތިކަން އިތުރު ކުރުމެވެ.

ވިޔަފާރީގެ ފައިދާގެ އިތުރުން އެ ކުންފުނިން ވަނީ މުޅި އާއިލާގައި ހިމެނޭ މެންބަރުންނަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީފަ އެވެ. އެ އާއިލާގެ ހުރިހާ އެންމެންނަކީ ވެސް ތައުލީމީ ގާބިލް މީހުންނެވެ. ކުރިއަށް އޮތްތަނުގައި ވެސް މި ކުންފުނީގެ އެންމެހާ ހިއްސާދާރުންނާއި ހީވާގި މުވައްޒަފުންގެ ބައިވެރިވުމާ އެކު ވިޔަފާރި ފުޅާ ކުރެވޭނެ ކަމަށް އާސްކް ހޯލްޑިންގްސްގެ ބޯޑާއި މެނޭޖްމަންޓުން ގަބޫލު ކުރެ އެވެ.