އެސްއެމްއީތަކަށް 233 މިލިއަން ރުފިޔާ ދޫކޮށްފި: ރައީސް

އެސްއެމްއީ ބޭންކް މެދުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް 233 މިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު މިރޭ ވިދާޅުވެއްޖެ އެވެ.


ދަރުބާރުގޭގައި "ފަންނު އެކްސްޕޯ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދޭން އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ހުޅުވި ފަހުން މިއަދާ ހަމަޔަށް 1.3 ބިލިއަން ރުފިޔާ އަށް ވިޔަފާރިތަކުން އެދިފައިވާ ކަމަށެވެ.

އެސްއެމްއީ ބޭންކެއް ހުޅުވުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. މި ބޭންކް ހުޅުވާފައިވަނީ މިދިޔަ މާޗު މަހު އެވެ.

ފަންނު އެކްސްޕޯގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ:ރައީސް އޮފީސް

"މީގެއިން އެނގެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަގީގަތުގައި ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާކަން. އެފަދަ ވިޔަފާރިތައް ހިންދެމިލުމަށް ތަރައްގީގެ ތެރެއިން ޖާގަދޭން ޖެހޭ. އެކަމަށްޓަކާ ސަރުކާރުން ވެސް އަންނަނީ ވަރަށް ގިނަ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ގާބިލްކަން އިތުރުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން 455 މިލިއަން ރުފިޔާ އެސްއެމްއީ ބޭންކް މެދުވެރިކޮށް ދިނުމަށް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަރުކާރުން ކުދި ވިޔަފާރިތަކަށް ދޭ އެހީތެރިކަމުގެ ފައިދާ ވަރަށް އަވަހަށް ފެންނާނެ ކަމަށާއި ފަންނު އެކްސްޕޯ ފަދަ މައުރަޒުތަކުގެ އެހީގައި އެސްއެމްއީތަކަށް މާކެޓެއް ހޯދާދެވިއްޖެ ނަމަ، ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފަންނު އެކްސްޕޯގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓްގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

"މިފަދަ މައުރަޒުތަކުން ރާއްޖޭގައި ތިބި ހުނަރުވެރިންގެ މަސައްކަތްތައް އާންމުކޮށް އެއްތަނަކުން ފެނި އެފަދަ އުފެއްދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ. ވަކިން ހާއްސަކޮށް ހުނަރުވެރި ދިވެހި ޒުވާނުންގެ މަސައްކަތްތަކަށް ހަމަ އަގު ހޯދާ ދިނުމަކީ މިމައުރަޒުގެ ވަރަށް މުހިއްމު މަގްސަދެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގޭގައި ތިބެގެން މަސައްކުރާ ދިވެހި އަންހެނުންނަށް އިގްތިސާދީ ނަފާވެރިކަން ހޯދައިދީ، އެމީހުންގެ މަސައްކަތްތައް ދެއްކޭނެ ގޮތް މި މައުރަޒުން ތަނަވަސް ވެގެންދާނެ ކަމަށެވެ. ފަންނު އެކްސްޕޯގެ މުހިއްމު ކަމުގެ ވާހާކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަސައްކަތްތެރި އަންހެނުންގެ މަސައްކަތްތަކަށް ހަމަ އަގު ލިބިއްޖެ ނަމަ ރާއްޖޭގެ އުފެއްދުންތެރިކަމަށް ކުރިއެެރުން ލިބޭނެ ކަމަށެވެ.

މިމަހުުގެ 28 ވަނަ ދުވަހަށް ކުރިއަށްދާ މި އެކްސްޕޯގައި 77 ކެޓަގަރީއަކުން ދިވެހި އުފެންދުންތައް ބައިވެރިކުރެ އެވެ. މި އެކްސްޕޯގައި 300 މީހުންގެ 3،100 އުފެއްދުން ދައްކާލާނެ އެވެ.