އީ-ސިނގިރެޓް އެމެރިކާގައި މަނާކުރަން ގޮވާލައިފި

އެކި ރަހަތަކުގެ ދިޔާ އެއްޗެހި އަޅާ އީ-ސިނގިރެޓް އެމެރިކާގައި މަނާކުރާނެ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ދެއްވާފައި ވަނިކޮށް ހުރިހާ ވައްތަރެއްގެ އީ-ސިނގިރެޓާއި ވޭޕްކުރަން ބޭނުންކުރާ ހުރިހާ އުފެއްދުމެއް މަނާކުރަން އެމެރިކަން މެޑިކަލް އެސޯސިއޭޝަން (އޭއެމްއޭ) އިން ގޮވާލައިފި އެވެ.


އެތަނުން ބުނީ އެމެރިކާގައި މިހާރު އީ-ސިނގިރެޓާއި ވޭޕިންއާ އެކު ބޮޑުވަމުންދާ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ މައިގަނޑު ކަމަކީ އެފަދަ އުފެއްދުންތައް މަނާކޮށް، އެ އެއްޗެހީގެ ވިޔަފާރި ހުރިހާ ގޮތަކުން ހުއްޓުމަކަށް ގެނައުމުން ކަމަށެވެ.

"އުމުރުން ހަގު ކުދިން ވެސް ވޭޕްކުރާ މައްސަލަ ދަނީ ބޮޑުވެ، ސިއްހީ މައްސަލަތައް އިތުރުވަމުން. ނިކޮޓިން އާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތަކުން ޒުވާން ޖީލު ރައްކާތެރިކުރުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިއްމު،" ސެން ޑިއެގޯގައި އޮތް ޕޮލިސީ ލެވެލްގެ ބައްދަލުވުމެއްގައި އޭއެމްއޭގެ ރައީސް ޑރ. ޕެޓްރިސް ހެރިސް ވިދާޅުވި އެވެ.

އީ-ސިނގިރެޓުން ކުރިމަތިވަމުންދާ ސިއްހީ މައްސަލަތަކުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ ވޭޕާ ގުޅުން ހުރި ސިއްހީ މައްސަލަތަކުގައި އެމެރިކާ އިން މިހާތަނަށް 42 މީހުން މަރުވެ، އެކި ކަހަލަ ސިއްހީ މައްސަލަތަކުގެ 2،100 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެހެންވެ އީ-ސިނގިރެޓާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތައް މަނާކޮށްގެން ނޫނީ މިހާރު ރައްކާތެރިކަމެއް ނެތް ކަމަށް ޕެޓްރިސް ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން ޕެން ޔުނިވަސިޓީގެ ޓޮބޭކޯ އެޑިކްޝަން ސްޕެޝަލިސްޓް ޖޮނަތަލް ފައުލްޑްސް ވިދާޅުވީ އޭއެމްއޭގެ ވާހަކަތަކަށް 100 ޕަސެންޓް ތާއީދު ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްޗެހި މަނާކުރަން އޭއެމްއޭ އިން އިހުލާސްތެރިކަމާ އެކު މަސައްކަތްކުރާ ނަމަ އެކަމަށް އަހަރެން ތާއީދުކުރާނަން،" އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން އާންމުކުރި ރިޕޯޓެއްގަައި ބުނާގޮތުން އާދައިގެ ސިނގިރެޓުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެމެރިކާގައި މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް ދަށްވި ނަމަވެސް، ވޭޕްކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.