އަހަރަކު ދެ މިލިއަން ޓޫރިސްޓުން ގެންނަ އަމާޒު ހިފައިފި

ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގައި މި އަހަރަށް ކަނޑައެޅި ދޮޅު މިލިއަނުގެ ލަނޑުދަނޑި ހާސިލްވެފައި ވާތީ މިހާރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ހަމަކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖެއަށް 1.5 މިލިއަން ވަނަ ޓޫރިސްޓު އައުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި އަހަރަށް ކަނޑައެޅި އަދަދު ހާސިލުވެ، އިތުރުވެފައިވާ ކަމަށެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ދެ މިލިއަނުގެ ޓާގެޓް ހާސިލްކުރަން މަސައްކަތްކުރާނީ ދެ އަހަރު ދުވަހުން ކަމަށެވެ.

މި ސަރުކާރުން ކަނޑައަޅާފައިވަނީ ދައުރު ނިމުމުގެ ކުރިން ރާއްޖެ އަށް އަހަރަކު 2.5 މިލިއަނަށް ޓޫރިސްޓުން އަންނަ މިންވަރަށް ޓޫރިސްޓުން އިތުރު ކުރުމަށެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ރާއްޖެ އަށް އައި ދޮޅު މިލިއަން ވަނަ ޓޫރިސްޓަށް ހާއްސަ ހަދިޔާއެއް އަރުވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މަހުން މަހަށް އަހަރުން އަހަރަށް ވުރެ ބޮޑަށް ދެން އަޅުގަނޑުމެންގެ އަމާޒަކީ ދެ މިލިއަން ކަމަށް ކަނޑައެޅުން. އޭގެ މާނަ އަކީ މިއަންނަ އަހަރު ޑިސެމްބަރު 31 ގައި ދެ މިލިއަން ހަމަ ނުވުމަކީ އެމްއެމްޕީއާރްސީ އާއި މިނިސްޓްރީއާ އެންމެން ކުރާ މަސައްކަތުގައި ނާކާމިޔާބު ވުމެއް ނޫނޭ. އޭގެ ޕްރެޝަރެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، 2021 ވަނަ އަހަރުގެ ތެރޭގައި މިކަން ހާސިލުވުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. ރާއްޖެ ޕްރޮމޯޓް ކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށައި އަންނަ އަހަރުގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު ވިދާޅުވީ، ރާއްޖެއަށް ޓޫރިސްޓުން އެއް އަހަރުން އަނެއް އަހަރަށް އިތުރު ކުރުމުގައި ރާއްޖޭގެ އަމަންއަމާންކަން ވަރަށް މުހިއްމު ކަމަށެވެ. ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ މިދާއިރާ އަށް، ގައުމުގައި ހަލަބޮލިކަން އިތުރުވާ ކޮންމެ ދަނޑިވަޅެއްގައި އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެމްއެމްޕީއާރްސީން ކެނޑިޅޭނި މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރު އަޅުގަނޑު ދަންނަވާނީ ވަރަށް ކާމިޔާބު އަހަރެކޭ. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އެއީ އަޅުގަނޑުމެންނަށް ހިތްހަމަޖެހޭ ވަރަށް މަސައްކަތްތައް ކުރެވިއްޖެ. މިއަހަރު ކުރި މަސައްކަތުގެ ބޮޑު ބައި އަންނަ އަހަރު ފެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް ދޮޅު މިލިއަން ވަނަ އަށް އައި ޓޫރިސްޓަކީ ރަޝިއާ މީހެއް ކަމަށްވާ މަރީނާ ކަޒަކޯވާ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޭނާ އަށް މަރުހަބާ ކިޔުމަށް ވަނީ ހާއްސަ ހަރަކާތްތަކެއް ބާއްވައިފަ އެވެ.