މީރާގެ ބޯޑުގެ ބައެއް މެމްބަރުން އެލަވަންސް ނެގުމާ މެދު ހިޔާލު ތަފާތު

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑުގައި މަގާމުގެ ހައިސިއްޔަތުން ތިއްބަވާ މެންބަރުންނަށް އެލަވަންސް ދިނުމުގައި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ހިޔާލު ތަފާތުވެ، ބޮޑު ބަހުސެއް މިއަދު ކޮށްފި އެވެ.


މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ އެހެން ކަމެއްގައި ތިއްބަވާ ބޭފުޅުންނަށް އެލަވަންސް ދޭ ގޮތަށް ދުނިޔޭ އެއްވެސް ހިސާބެއްގައި އަމަލު ނުކުރާ ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އަކީ މިހާރު ވެސް އެކަށީގެންވާ މުސާރަ ލިބިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އެކަމަކު އެ ދެ ބޭފުޅުން ބޯޑުގައި ތިއްބަވާތީ އިތުރު އެލަވަންސެއް ދޭން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މީގެ ކުރިން 2010 ވަނަ އަހަރު އަމަލްކުރީ، ޑެޕިއުޓީ ކޮމިޝަނާ އާއި ކޮމިޝަނާ ޖެނެރަލްއަށް ބޯޑުގެ މަގާމުގެ ހައިސިއްޔަތުން ތިއްބަވާ ބޭފުޅުންނަށް ވާތީ އެލަވަންސް ނުދޭ ގޮތަށް. ހަމަ އެގޮތަށް ބާއްވަން ފެންނަނީ،" ޝަރީފް ވިދާޅުވި އެވެ.

މީރާ ބޯޑު މެންބަރުންނަށް ދޭ އެލަވަންސް ކަނޑައަޅަނީ މާލިއްޔަތު ކޮމިޓީންނެވެ. އެގޮތުން 2010 ގައި އެ ކޮމިޓީން މުސާރަ އާއި އެލަވަންސްގެ އޮނިގަނޑު ފާސްކުރި އެވެ. އެގޮތުން ބޯޑުގެ ޗެއާޕާސަނަށް 12،000ރ އާއި ޑެޕިއުޓީ ޗެއާޕާސަނަށް 11،000ރ ގެ އިތުރުން ބޯޑުގެ ކޮންމެ މެންބަރަކަށް 10،000ރ. ދޭ ގޮތަށް ހަމަޖެއްސި އެވެ.

އެކަމަކު 2012 ގައި މީރާގެ ބޯޑު މެންބަރުންގެ އެލަވަންސަށް 5،000ރ އިތުރުކޮށް ޗެއާޕާސަނަށް 17،000ރ އަދި އެހެން މެންބަރުންނަށް 15،000ރ. ހަމަޖެއްސި އެވެ.

ބަޖެޓް ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް-- ފޮޓޯ: ނިޝާން އަލީ/ މިހާރުްޓަރ

ޓެކްސް ނެގުމާ ބެހޭ ގާނޫނަށް މި އަހަރު ގެނައި އިސްލާހާ އެކު މީރާގެ ޗެއާޕާސަން ކަނޑައެޅުމުގެ ބާރު ލިބެނީ ފިނޭންސް މިނިސްޓަރަށެވެ. މިއާ އެކު އެ މާގަމަށް ފިނޭންސް މިނިސްޓަރު ވަނީ އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، ސަރުވަޝް އާދަމް ހަމަޖައްސަވައިފަ އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ މީރާގެ ކޮމިޝަނާ ޖެނެރަލްގެ އިތުރުން އެ ބޯޑުގެ ޗެއާޕާސަނަކީ ފިނޭންސް މިނިސްޓަރު އައްޔަން ކުރައްވާ ބޭފުޅެއް ކަމުން، އެ ދެ ބޭފުޅަކަށް ވެސް އެލަވަންސް ލިބިގެން ނުވާނެ ކަމަށެވެ.

"ދެ ބޭފުޅުން ވެސް ބޯޑު މެންބަރުންނަށް އަންނަނީ ދެ ބޭފުޅުންނަށް މުސާރަ ލިބޭ މަގާމެއް ތަމްސީލު ކުރައްވާތީ. އެހެންވީމަ މުސާރަ އެބަ ލިބެޔޭ. ޒިންމާ އިތުރުވުމަކީ އިތުރުވާ ކޮންމެ ޒިންމާއަކަށް ފައިސާ [މުސާރަ އާއި އިނާޔަތް] ލިބެން ޖެހޭ ސަބަބެއް ނޫން،" ޔައުގޫބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީރާގެ ބޯޑު މެންބަރުންގެ އެލަވަންސް ކޮމިޝަނާ ޖެނެރަލް ނެންގެވީ "ލިބެން އޮތް އެއްޗެއް ލިބޭ ގޮތަކަށް ހޯދުމުގެ ބޭނުމުގައި" ކަމަށެވެ. ނަމަވެސް އެއީ އުސޫލާ ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.

"މި ކޮޓީން ފާސް ކުރިއަސް، ހިލާފަށް ފާސްކުރި ކަމެއް އިންނާނީ ހިލާފަށް. އެއީ ލިބެން ޖެހޭ އެއްޗެއް ނޫން،" ޔައުގޫބު ވިދާޅުވި އެވެ.

"މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އެހެން މަގާމެއް ވެއްޖިޔާ އޭގެ މާނައަކީ އެއްވެސް މުސާރައެއް، އިނާޔަތެއް ދޭން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރެވޭ."

ކޮމިޓީގައި ބައިވެރިވި ގިނަ މެންބަރުން އެ ވާހަކައަށް ތާއީދުކުރެއްވި އެވެ. އެހެންކަމުން ކޮމިޓީން ނިންމީ މީރާ ބޯޑުގައި މަގާމުގެ ހައިސިއްޔަތުން ތިއްބަވާ ބޭފުޅުންނަށް ބޯޑު މެމްބަރުންގެ އެލަވަންސް ނެގުމާ މެދު ޕޭ ކޮމިޝަނާއި ޕީސީބީއާ މަޝްވަރާކުރުމަށެވެ.