ތިން އަތޮޅެއްގައި ޓޫރިޒަމް ސިމްޕޯސިއަމެއް ބާއްވަނީ

ޓޫރިޒަމް ދާއިރާ އަށް އަތޮޅުތައް އަހުލުވެރިކޮށް، ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ނ، ރ އަދި ޅ އަތޮޅުގައި ސިމްޕޯސިއަމެއް ބާއްވަން ނިންމައިިފި އެވެ.


މި ސިމްޕޯސިއަމްގެ މަގްސަދަކީ އެ އަތޮޅެއްގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވޭނެ ގޮތްތައް ފަހިކުރުމާއި ޓޫރިޒަމް ދާއިރާގެ ތެރެއިން އަތޮޅުގެ އާންމު ރައްޔިތުންނަށް ހުރި ފުރުސަތުތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުން ހިމެނެ އެވެ. އަދި ޓޫރިޒަމް ދާއިރާ އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން އަތޮޅަށް ލިބޭ ފައިދާތައް އިތުރުކުރުމާއި ޓޫރިޒަމް ޒޯނު ކަނޑައެޅުމުގައި އަތޮޅުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ހަމަޖެހިފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިހަފުތާ ބަންދުގައި ތިން ރަށެއްގައި މުހިއްމު މަޝްވަރާތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. މި ތިން އަތޮޅުގެ ތެރެއިން މިނިސްޓަރު ވަޑައިގަންނަވަނީ ރ. އުނގޫފާރާއި ނ. މަނަދޫ އާއި ޅ. ނައިފަރަށެވެ.

"ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި މި ބާއްވާ ސިމްޕޯސިއަމްތަކަކީ ހުރިހާ ކައުންސިލްތަކަކަށް، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލެއްގެ އިތުރުން އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެއަތޮޅަކަށް ނިސްބަތްވާ ރިސޯޓުތަކަކާއި އެއަތޮޅެއްގައި ހުރި ރަޖިސްޓާޑް ގެސްޓްހައުސްތައް ބައިވެރިވާނެ،" އޭނާ ވިދާޅުވި އެވެ.

މި ހުރިހާ އެންމެންނާ ބައްދަލުކޮށް އަތޮޅަކުން ރައްޔިތުންނަށް ބޭނުންވާ ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު އަތޮޅުތަކުގައި ވެސް މިފަދަ ސިމްޕޯސިއަމްތައް ބާއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަމާޒަކީ އަންނަ އަހަރުގެ ކުރީ ކޮޅާ ހަމަޔަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ސިމްޕޯސިއަމް ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސިމްޕޯސިއަމް ބޭއްވުމުގެ އިތުރުން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ރާއްޖޭގެ 178 ކައުންސިލަކުން މީހުން ގެނެސް، ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދީ އެކަމަށް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ތަމްރީނުތަކަށް ފަހު ކައުންސިލްތަކަށް، އެ އަތޮޅެއްގައި ހުރި ގެސްޓްހައުސްތައް އިންސްޕެކްޓްކުރަން ހަވާލުކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.