ބީއެމްއެލުން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސް (އެމެކްސް) ގެ ޕްލެޓިނަމް ކްރެޑިޓް ކާޑު ރާއްޖެ އަށް މިރޭ ތައާރަފް ކޮށްފި އެވެ.


ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ހަފްލާއެއް ގައި މި ކާޑު ތައާރަފް ކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މިނިސްޓަރުގެ އިތުރުން އެމެރިކަން އެކްސްޕްރެސްގެ ޑިރެކްޓާ އެންޑް ހެޑް އޮފް ގްލޯބަލް ސާވިސަސް ސައުތު އޭޝިއާ، ކްރުޝް ދަސްތޫރާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވެސް މި ހަފުލާ ގައި ބައިވެރިވެވަޑައިގަތެވެ.

މި ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ދަތުރުތަކާއި ހޮޓެލް ބުކިން އަދި ވިޔަފާރިތަކުން ވަރަށް ހާއްސަ ފުރުސަތުތައް ލިބޭނެ އެވެ. މިއީ، ގިނަ ގައުމުތަކުން ގަބޫލު ކުރާ، ހާއްސަ އިނާޔަތްތަކާއި އަގު ހުރި ޚިދުމަތްތަކެއް އެކުލެވޭ، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކާޑެކެވެ.

މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްއާ ގުޅިފައިވާ ބައިނަލަގްވާމީ ވިއުގަ އާއި ދިވެހި ބޭންކިންގެ ފަންނީ ތަޖްރިބާ ވެސް މި ކާޑު ގަންނަ މީހުންނަށް ލިބޭނެ އެވެ. މިއީ ބީއެމްއެލުން ކަނޑައަޅާ މިންގަޑުތަކަށް ފެތޭ މީހުންނަށް އެ ބޭންކުން ދޫކުރާ ކާޑެކެވެ.

އެމެރިކަން އެކްސްޕްރެސްގެ ޑިރެކްޓާ އެންޑް ހެޑް އޮފް ގްލޯބަލް ސާވިސަސް ސައުތު އޭޝިއާ ކްރުޝް ދަސްތޫރު ރޭގެ ހަފްލާ ގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ބީއެމްއެލް

އެމެރިކަން އެކްސްޕްރެސް ގެ ދެކުނު އޭޝިއާގެ ޑިރެކްޓަރު ކްރުޝް ދަސްތޫރު ވިދާޅުވީ، ބީއެމްއެލް އަކީ އެ ކުންފުނިން އަބަދުވެސް އިތުބާރު ކުރާ ބޭންކެއް ކަމަަށެވެ. އަދި ޕްލެޓިނަމް ކާޑުގެ ސަބަބުން އެމެރިކަން އެކްސްޕްރެސް އަށް އޮންނަ ތަރުހީބު އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސްއާ އެކު 2004 އިން ފެށިގެން ގާއިމް ކުރެވިފައިވާ ޒަމާންވީ ގުޅުމަަކީ އަޅުގަނޑުމެން އިހުތިރާމް ކުރާ އަދި އަގު ވަޒަން ކުރާ ގުޅުމެއް. ޕްލެޓިނަމް ކްރެޑިޓް ކާޑު އިފްތިތާހް ކުރެވިގެން ދިއުމާ އެކު ދިވެހީންނަށް މި ކާޑު މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ބްރޭންޑުގެ ފުޅާ ހިދުމަތްތައް މަގުފަހިވާނެ،" ކްރުޝް ވިދާޅުވި އެވެ.

"މި ހިދުމަތާ އެކު މި ބްރޭންޑަށް ލިބޭ ތަރުހީބު އިތުރުވެ، ބޭންކުގެ ކަސްޓަމަރުންގެ އަދަދު އިތުރު ވާނެ ކަމަށް ޔަގީން ކުރަން."

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާ އެކު، 20 އަތޮޅުގައި 37 ބްރާންޗާއި 50 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 115 އޭޓީއެމް އަދި 277 ކޭޝް އެޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް ބީއެމްއެލުން އަންނަނީ ދެމުންނެވެ.