ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ "ގާލްސް ޓު ކޯޑު" ޕްރޮގްރާމް ނިންމާލައިފި

ވުމަން އިން ޓެކް އާއި ދިރާގު ގުޅިގެން ފުވައްމުލަކުގައި ކުރިއަށްގެންދިޔަ "ގާލްސް ޓު ކޯޑް" ޕްރޮގްރާމް ނިންމާލައިފި އެވެ.


މި ޕްރޮގްރާމް ނިންމުމުގެ މިދިޔަ ހުކުރު ދުވަހު ބޭއްވި ހަފްލާގައި އެ ޕްރޮގްރާމުގައި ބައިވެރިވި ކުދިންނަށް ވަނީ ސެޓްފިކެޓް ދީފަ އެވެ. މި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފެވެ. މި ހަފްލާގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓަތަކުގެ ތެރެއިން އެންމެ މޮޅު ތިން ވެބްސައިޓް ހޮވައި އެ ކުދިންނަށް ވެސް ވަނީ އިނާމާ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

"ގާލްސް ޓު ކޯޑު" ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދީ އެ ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ވަނީ ދަސްކޮށްދީފަ އެވެ.

ގާލްސް ޓު ކޯޑުގެ ބައިވެރިންނާއެކު ފުވައްމަލަކު މޭޔަރު-- ފޮޓޯ: ދިރާގު

މި ޕްރޮގްރާމުގައި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފެށިގެން ނިމުމާ ހަމައަށް ކުރަންޖެހޭ އެކި އެކި ކަންތައްތަކަށް ދަރިވަރުން އަހުލުވެރި ކޮށްފައިވާއިރު އަދި ވެބްސައިޓް ތައްޔާރުކުރުމަށް އެހީތެރިވުމަށް ވިމެން އިން ޓެކްގެ ފަރާތުން މިޑް ރިވިއު ވޯކްޝޮޕެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައި ހިންގި މި ޕްރޮގްރާމް، ޖުމްލަ 16 ދަރިވަރުން ފުރިހަމަ ކުރި އެވެ.

ވިމެން އިން ޓެކް އިން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓްތަކަކީ ފެންވަރު ރަނގަޅު ވެބްސައިޓުތަކެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން އަންހެން ކުދިންގެ ކޯޑިންގައި ހުރި ހުނަރާއި އެކުދިން ކޯޑިން އަށް ހުރި ޝައުގު ހާމަވެގެން ހިނގައްޖެ ކަމަށް ވެސް ވިމެން އިން ޓެކުން ބުންޏެވެ.

މި ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު، މިފަދަ އެހެން ޕްރޮގްރާމްތައް ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގުމަށް ނިންމާފައިވާ ކަމަށް ދިރާގާއި ވިމެން އިން ޓެކުން މައުލޫމާތު ދެއެވެ.