ޓޫރިޒަމް ދާއިރާ އަށް އޮތީ ސާފު ޖައްވެއް: ޝާހިދު

ރާއްޖޭގެ ޓޫރިޒަމަށް އޮތީ ސާފު ޖައްވެއް ކަމަށާއި ސަރުކާރުގެ މުޅި ވިސްނުން ހުރީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަގު ވަޒަންކޮށް އެ މީހުންނަށް ބޭނުންވާ ކަންކަން ފަސޭހަ ކޮށްދީ، ލުއިވާނެ މަގު ހޯދައިދިނުމަށް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ ރަށްތައް އިއުލާނުކުރުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، ޓޫރިޒަމްގެ ސިނާއަތަކީ ރާއްޖޭގެ ކޮންމެ ފަރުދެއްގެ ހިއްސާއެއް އޮންނަ ސިނާއަތެއް ކަމަށާއި ރާއްޖޭގެ މުރަކައިގެ ބަގީޗާތަކާއި ހުދު ދޮންވެލީގެ ވެލިތަކުގައި ރައްޔިތުންގެ ހިއްސާ އޮންނާނެ ކަމަށެވެ. އެހެންކަމުން މި ސިނާއަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައީ ވައުދުތަކެއް ވަމުން. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު ފެތުރިފާ ނުވާ ސަރަހައްދުތަކަށް މި ސިނާއަތް ފެތުރުން،" އޭނާ ވިދާޅުވި އެވެ.

ޝާހިދު މިހެން ވިދާޅުވި އިރު، ރޭ ބޭއްވި ޖަލްސާގައި 29 ރަށެއްގައި ރިސޯޓު ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އުތުރުގެ އަތޮޅުތަކުގެ ރަށްތަކެވެ.

އޭނާ ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ޓޫރިޒަމް ފުޅާ ކުރުމަށް މުހިއްމު މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ، ޓޫރިޒަމް ދާއިރާ ކުރިއަރަމުންދާ އިރު މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ޓޫރިޒަމް މިނިސްޓްރީ އާއި މުޅި ސިނާއަތް އޮތީ ވަރަށް ބޮޑަށް ކިލަނބު ވެފައި ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް، ޓޫރިޒަމް މިނިސްޓަރު ކަމަށް އަލީ ވަހީދު ހަވާލުވެ ވަޑައިގެން ކަންކަން ކުރައްވަމުން ގެންދަވަނީ އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާ އެކީގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާ ހިނގަމުންދަނީ، އެތައް ބަޔެއްގެ ބުރަ މަސައްކަތުން ކަމަށާއި މިދާއިރާ ކުރިއެރުވުމަށް ބޭނުންވާ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމް ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ މުހިއްމުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ރާއްޖެ އަށް ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ބޭނުންވާ އިތުބާރު ލިބެން ޖެހޭ ކަމަށާއި އެކަންކަން ހާސިލު ކުރުމަށްޓަކައި ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"މަސައްކަތްް ކުރެވޭނީ އެކުވެރިކަމާ އެއްބާރުލުން އޮވެގެން. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުުގެ ސަރުކާރުގައި އެ އެއްބާރުލުން އޮތްތަން. ރައްޔިތުންނާ ގުޅިގެން މަސައްކަތްތައް ކުރަމުންދާތަން،" އޭނާ ވިދާޅުވި އެވެ.