ފާއިތުވި 10 އަހަރު އެންމެ ގިނައިން ޑައުންލޯޑް ކުރީ ފޭސްބުކް

ފާއިތުވި 10 އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރި އެޕަކީ ފޭސްބުކް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.


އެޕް އެނަލިޓިކްސް ކުންފުނި އެޕް އެނީން ހަދާފައިވާ ދިރާސާ އިން ދައްކާ ގޮތުގައި ފާއިތުވި 10 އަހަރު އެންމެ ގިނަ ބަޔަކު ޑައުންލޯޑް ކުރި އެޕްގެ މަގާމު މާކް ޒަކާބާގްގެ ފޭސްބުކަށް ލިބޭ އިރު، ގަދަ ހަތަރެއްގައި ވެސް އޮތީ އޭގެ ދަށުން ހިންގާ އެޕްތަކެވެ. އެގޮތުން ދެވަނައިގައި ފޭސްބުކް މެސެންޖާ ހިމެނޭ އިރު، ތިން ވަނައިގައި އޮތީ ވަޓްސްއެޕެވެ. ހަތަރު ވަނަ އިން ޖާގަ ލިބުނީ އިންސްޓަގްރާމަށެވެ.

ގަދަ 10 ގެ ތެރޭގައި ހިމެނޭ އިތުރު އެޕްތަކުގެ ތަރުތީބަށް ބަލާއިރު، މީގެ ތެރޭގައި ދެން ހިމެނެނީ ސްނެޕްޗެޓް، ސްކައިޕް، ޓިކްޓޮކް، ޔޫސީ ބްރައުޒާ، ޔޫޓިއުބް އަދި ޓްވިޓާ އެވެ.

އެޕް އެނީން ބުނިގޮތުގައި މިދިޔަ އަހަރާ އަޅާބަލާ އިރު، މި އަހަރުގެ އެޕްތައް ޑައުންލޯޑްކުރި ނިސްބަތަށް 15 ޕަސަންޓްގެ އިތުރުވުމެއް އައިސްފައިވެ އެވެ. އަދި އެންމެ ގިނައިން ޑައުންލޯޑްކުރާ އެޕްތަކުގެ ތެރޭގައި ހިމެނެނީ މޮބައިލް ގޭމް އެޕްތަކާއި ފޮޓޯ އާއި ވީޑިއޯ އެޑިޓްކުރެވޭ އެޕްތަކުގެ އިތުރުން އެންޓަޓައިމަންޓް އެޕްތައް ކަމަށް ބުންޏެވެ.

މި އަހަރު އެންމެ ގިނައިން ޑައުންލޯޑްކޮށްފައިވާ 10 އެޕްގެ ތެރޭގައި ހިމެނެނީ ފޭސްބުކް މެސެންޖާ، ފޭސްބުކް، ވަޓްސްއެޕް، ޓިކްޓިކް، އިންސްޓަގްރާމް، ޝެއާ-އިޓް، ލައިކީ، ސްނެޕްޗެޓް، ނެޓްފްލިކްސް އަދި ސްޕޮޓިފައި އެވެ.

ގޭމް އެޕްތަކުގެ ތެރެއިން މި އަހަރު އެންމެ ގިނައިން ޑައުންލޯޑްކޮށްފައިވާ 10 އެޕަކީ ފްރީ ފަޔާ، ޕަބްޖީ މޮބައިލް، ސަބްވޭ ސާފާޒް، ކަލަ ބަމްޕް 3ޑީ، ފަން ރޭސް 3ޑީ، ރަން ރޭސް 3ޑީ، މައި ޓޯކިން ޓޮމް 2، ހޯމްސްކޭޕްސް، ސްޓެކް ބޯލް އަދި ކޯލް އޮފް ޑިއުޓ: މޮބައިލެވެ.