ސަން ސިޔާމްގެ ހަ ވަނަ ރިސޯޓު "އިރު ފެން" އަންނަ އަހަރު ހުޅުވަނީ

ސަން ސިޔާމް ކުންފުނިން ނ. ދިގުރަށުގައި ތަރައްގީ ކުރާ "ސަން ސިޔާމް އިރު ފެން" ރިސޯޓު އަންނަ އަހަރު ހުޅުވަން ތައްޔާރުވެއްޖެ އެވެ.


ފަނަރަ ކެޓަގަރީއަކަށް ބަހާލައިގެން ވޯޓާ ވިލާ އާއި ބީޗް ވިލާ އަދު ސުއިޓްތައް ހަދާފައިވާ މި ރިސޯޓަކީ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ހަދާފައިވާ ރިސޯޓެކެވެ. އެކަނި ޗުއްޓީ ހޭދަ ކުރަން ބޭނުންވާ މީހުންނަށާއި އާއިލާއާ އެކު ނުވަތަ ރައްޓެހިންނާ އެކު ޗުއްޓީ ހޭދަ ކުރުމަށް ބޭނުންވާ މީހުންނަށް މި ރިސޯޓަކީ އެންމެ ފުރިހަމަ މާހައުލު ކަމަށް ސަން ސިޔާމް ކުންފުނިން ބުންޏެވެ.

ސަން ސިޔާމް ރިސޯޓެއްގެ ޓުރިސްޓުންތަކެއް ކެނޯ ދުއްވަނީ-- ފޮޓޯ: ސަން ސިޔާމް

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ސީ ޕްލޭނުގައި 45 މިނެޓުން ދެވޭ މި ރިސޯޓުގައި ތަފާތު އުމުރުގެ މީހުންނަށް ހާއްސަކޮށްގެން ހަރަކާތްތައް ކުރިއަށްދާނެ އެވެ. މީގެ ތެރޭގައި ވޯޓާ ސްޕޯޓްސް އާއި ޑައިވިން ފަދަ ހަރަކާތްތައް ހިމެނެ އެވެ. އަދި ކުޑަ ކުދިންނަށް ހާއްސަކޮށްގެން "ކިޑްސް ވިލެޖް" އެއް ވެސް މި ރިސޯޓުގައި ވަނީ ހަދާފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ސްޕާ އަކާއި ވެލްނެސް ސެންޓަރެއް ވެސް މި ރިސޯޓުގައި ވަނީ ހަދާފަ އެވެ.

ސަން ސިޔާމް ކުންފިުނިން މިހާރު ވެސް އަންނަނީ ރާއްޖެއާ ލަންކާގައި ފަސް ރިސޯޓު ހިންގަމުންނެވެ. މީގެ ތެރޭގައި "ދަ ސަން ސިޔަމް އިރުފުށި" އާއި "ސަން އެކުއާ ވިލު ރީފް" އާއި އޮޅުވެލި ބީޗް އެންޑް ސްޕާ" އަދި "ސަން އެކުއާ އިރު ވެލި" އާއި ލަންކާގެ ރިސޯޓު ކަމުގައިވާ "ސަން އެކުއާ ޕަސިކުޑާ" ހިމެނެ އެވެ.