އެސްޓީއޯ އިން ކޮންސްޓްރަކްޝަންގެ އާ އުފެއްދުންތަކެއް ތައާރަފްކޮށްފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންސްޓްރަކްޝަން އާ އުފެއްދުންތަކެއް މިއަދު ތައާރަފްކޮށްފި އެވެ.


ޖެން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، އިމާރާތް ކުރަން ބޭނުންކުރާ ސާމާނުގެ ތެރެއަށް އެސްޓީއޯ އިން މި އިތުރުކުރީ، ރެނާކޮން އޭއޭސީ ބްލޮކް އާއި ރެނާޕްލާސްޓް ރެޑީ މިކްސް އާއި ރެނާބޮންޑް ޖޮއިންޓް މާޓާ އެވެ.

ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ގާ އުފައްދާފައި ވަނީ ރިސައިކަލް ކޮށްފައިވާ ތަކެތިން ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ. މީގެއިން އިމާރާތުގެ ސްޓްރަކްޗާއަށް ކުރާ ހަރަދު ކުޑަކޮށްދީ، މަސައްކަތުގެ ސްޕީޑް ވެސް އަވަސްވާނެ އެވެ.

އަލަށް މި ތައާރަފްކުރި ގާ ބޭނުންކުރަން ފެށުމުން، ގޮނޑުދޮށްތަކުންނާއި ފަޅުތަކުން ވެލި ނަގައިގެން ރާއްޖޭގައި އާންމުގޮތެއްގައި އުފައްދާ ގަލާއި ސޮލިޑް ބްލޮކެއް ދެން ބޭނުން ނުވާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

ރެނާޕްލާސްޓްގެ ޕްލާސްޓާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތާމަލް އިންސިއުލޭޝަން ހިމެނޭ، ދެ ފޫޓު ދިގުމިނުގެ މިބްލޮކް ބޭނުންކޮށްގެން ހަދާ އިމާރާތްތަކުގެ ކަރަންޓަށް ކުރާ ހޭދަ ވެސް 20 އިންސައްތައަށް ކުޑަކޮށްދެ އެވެ.

ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކް ބޭނުންކޮށްގެން ރޭނުމަށްޓަކައި "ރެނާބޮންޑް ޖޮއިނިން މޯޓާ" ވެސް ބޭނުން ކުރެވޭނެ އެވެ. ރެނާބޮންޑް ޖޮއިނިން މޯޓާއަކީ ބޭނުންވާ މިންވަރަށް ފެން އެޅުމަށްފަހު ވަގުތުން ބޭނުން ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ.

އިންޑިޔާގެ މި ބްރޭންޑުގެ "ރެނާޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ" ވެސް މާކެޓަށް ނެރެފައިވާ އިރު މިޕްރޮޑަކްޓް ބޭނުން ކުރުމުން، ހަރަދު ކުޑަ ގޮތަކަށް ޕްލާސްޓަރިން މަސައްކަތް ނިންމާލެވޭނެ އެވެ.

މާލެއާއި ހުޅުމާލޭގައި ރެޑީމިކްސް ކޮންކްރީޓްގެ ހިދުމަތް އެސްޓީއޯއިން އަންނަނީ ފޯރުކޮށްދެމުންނެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަބްދުލް ވާހިދު ވިދާޅުވީ މާކެޓަށް ނެރުނު އުފެއްދުންތަކާ އެކު އިމާރާތް ކުރުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ދާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވާހިދު ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް މިއަހަރު ދިމާވި އެންމެ ބޮޑު ދައްޗަކީ ފައިން ސޭންޑު ހޯދުމެވެ.

"މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ބޭރުގެ ކުންފުނިތަކާ ގުޅިގެން ގެނެވޭތޯ މަސައްކަތް ކުރިން. އަޅުގަނޑުމެން މިހޯދީ އެއަށްވުރެ މޮޅު އެއަށްވުރެ ރަނގަޅު ސޮލިއުޝަނެއް،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ޒަމާނީ ބަދަލުތައް އިމާރާތް ކުރުމުގެ ދާއިރާއަަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.