އެލާޓް ނެރުމުން ޓޫރިޒަމް އިތުރަށް ކުރިއަރާނެ: އަލީ ވަހީދު

ޓޫރިޒަމްގެ ޕީކް ދުވަސްވަރާ ދިމާކޮށް ފުލުހުންނާއި ސިފައިންގެ އެލާޓުގެ ލެވެލް މަތިކުރުމުން ޓޫރިޒަމް އިތުރަށް ކުރިއަރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ސަލާމަތީ ކަންތައް އިތުރު ކުރުމުން ޓޫރިސްޓުންނަށް ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން މި ސަރުކާރުން ބޭނުންވާ ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުން ކަމެކެވެ. އެކަމަކު ސިފައިން އެލާޓު ނެރުނީ އެއްވެސް ނުރައްކަލެއް އޮވެގެން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ކުޅިވަރަށް ކުރާ ކަމެއް ނޫން. އަޅުގަނޑުމެންގެ ގައުމުގެ ވަކި ތަނަކަށް ވަކި ބަޔަށް ޑައިރެކްޓް އެއްވެސް ތްރެޓެއް ނެތް. ނަމަވެސް ގްލޯބަލް ތްރެޓް އޮންނާނެ އެހެންކަމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ ރާއްޖޭގެ ޓޫރިޒަމަށް ޕްރޮޓެކްޝަނާއި ކުރިއެރުން ލިބޭނެ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ފިިޔަވަޅުތައް އިތުރުކުރަން ބޭނުންވާ ގާނޫނުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުންނަށް ހާމަކޮށް ދެ ފުށް ފެންނަހެން ކަމަށް ވެސް ވިދާޅުވި އެވެ.

"ގަވާއިދުތައް ރިވައިސް ކުރުމުގެ ތެރޭގައި މިހާރު އަޅުގަނޑުމެން ބަންޑާރަނައިބުގެ އޮފީހާއި ޓޫރިޒަމް މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތައް މަޝްވަރާކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާނެ އާ ސެކިއުރިޓީ އެކްޓެއްގެ މަސައްކަތް. މިވެސް ގެސްޓް ހައުސްތަކާއި ޓޫރިޒަމް ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ ކަންކަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖެއަށް މި އަހަރު އައި ޓޫރިސްޓުުންގެ އަދަދު ވަނީ، ތާރީޚުގައި ފުރަތަމަ ފަހަރަށް، 1.5 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.

އަލީ ވަހީދު ވިދާޅުވީ މިއީ މިހާތަނަށް ޓޫރިޒަމްގެ އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އަދި މި އަދަދު އިތުރު ކުރުމަށް އަންނަ އަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ. އެ ހަރަކާތްތައް އިއުލާން ކުރަން ހަމަޖެހިފައިވަނީ ޖެނުއަރީ 20، 2020 ގައި ޓޫރިޒަމް މިނިސްޓްރީން ބާއްވާ ހަފްލާއެއްގަ އެވެ.