ވަޒީފާ އިން ވަކިކުރި ޝިމްހާޒަށް މިނިސްޓަރުގެ އަމިއްލަ ހަރަދުގައި އެހީވަނީ

ހޮނޑާފުށި ރިސޯޓު ބަދުނާމުކުރާ ކަމުގެ ތުހުމަތާ އެކު އެތަނުގެ ވަޒީފާ އިން ވަކިކުރި މުވައްޒަފު އަހްމަދު ޝިމްހާޒަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަމިއްލަ ޚަރަދުގައި ތިން މަހުގެ މުސާރަ ދޭން ނިންމަވައިފި އެވެ.


އާ އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އަލީ ވިދާޅުވީ ޝިމްހާޒާ ބައްދަލު ކުރެއްވައި އޭނާގެ ހުރި ކަންބޮޑުވުންތައް އެއްސެވި ކަމަށެވެ. އަދި ހޮނޑާފުށި ރިސޯޓަށް ވެސް ގުޅުއްވައި މައުލޫމާތު ސާފު ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިމްހާޒަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ލިބެނީ 4000ރ. އެވެ. އޭނާ ވަކިކުރި މައްސަލަ ޓޫރިޒަމް މިނިސްޓްރީން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

ހޮންޑާފުށިން ވަކި ކުރި މުވައްޒަފު: އޭނާ އަށް މިނިސްޓަރުގެ އަމިއްލަ ޖީބުން ތިން މަހުގެ މުސާރަ ދޭން ވަނީ ނިންމަވާފައި.

ޝިމްހާޒު ވަޒީފާއިން ވަކިކުރީ "ރިސޯޓް ބޯއިސް މޯލްޑިވްސް" ފެސްބުކް ޕޭޖު ހިންގާ ހޮނޑާފުށި ބަދުނާމު ކުރާ ކަމަށް ބުނެ އެވެ. މި ކަން ހިނގީ ރިސޯޓްތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖާ ގުޅިގެން މިނިސްޓަރު ދެއްކެވި ވާހަކަތައް ކުށްވެރިކޮށް ރިސޯޓު މުވައްޒަފުން ނުރުހުންފާޅުކުރަމުން ދަނިކޮށެވެ. ޝިމްހާޒަށް ތިން މަހުގެ މުސާރަ ދޭން ނިންމެވީ، އޭނާ މީޑިއާގައި ދެއްވި ވާހަކައާ ގުޅިގެން ހިޔާލުފާޅުކުރުމުން ޝިމްހާޒު ވަޒީފާ އިން ވަކިކުރުމުން ކަމަށް ދެކޭތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝިމްހާޒަށް ބޭނުން ވަނީ ވަޒީފާ އިން ވަކިކޮށް އޭނާގެ ހައްގު ގެއްލުނު މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް ހުށަހަޅާށެވެ.

"އެ ބޭފުޅާ އެދުނު ހުރިހާ ކަމެއް އަޅުގަނޑު ވާނީ އަޑު އަހާފައި. އަދި އެ ބޭފުޅާ ބޭނުން ވަނީ މާލޭގައި ހުރެގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް މައްސަލަ ހުށަހަޅަން. މިކަމުގައި ވެސް އަޅުގަނޑު ދަންނަވާފައި އޮންނާނީ ޕާސަނަލީ އެހީތެރިކަން ދޭނަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ނޫސް ކޮންފަރެންސްގައި އެދިޔަ މިސްއަންޑަސްޓޭންޑިން (އޮޅުމުގެ) ތެރެއިން ނުވަތަ އަޅުގަނޑަށް ބުނެވުނު ބަހެއްގެ މާނަ އޮތްގޮތުން އެ ކަމެއްވީ. ކޮންމެއަކަސް އަޅުގަނޑެއް ހަމަގައިމު ވެސް ނޭދެން އަޅުގަނޑުމެން ސަރުކާރަކީ ހަރުކަށި ނުވަތަ ބާރުގެ ބޭނުން ކުރާނެ ސަރުކާރެއް ނޫން. އެހެންވީމާ އެ ވެދިޔަ ކަހަލަ ކަމެއްގެ އަގު މުވައްޒަފަކު ދައްކަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝިމްހާޒް ވަޒީފާ އިން ވަކިކުރުމުން އެތައް ބަޔަކު ވަނީ އޭނާގެ ދިފާއުގައި އަޑު އުފުލައިފަ އެވެ. އަދި ހޮނޑާފުށިން އެކަންތައް ކުރި ގޮތް ބަލއި ވީހާވެސް އަވަހަށް ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.