ޖަޒުބާތުގައި ޖެހިގެން މިނިސްޓަރު ހެއްދެވީ އިތުރުފުޅެެއް: ޓީމް

ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން (ޓީމް) އިން ރިސޯޓުތަކުގެ މެނޭޖްމަންޓުން ފައިސާ ހޯދަން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވަހަކަތަކަކީ ޖަޒުބާތުގައި ޖެހިގެން ހެއްދެވި އިތުރުފުޅެއް ކަމަށް ޓީމުން ބުނެފި އެވެ.


މިނިސްޓަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓު މެނޭޖްމަންޓުން އެ ރިސޯޓެއްގެ ކޮންމެ މުވައްޒަފަކަށް 6.50 ޑޮލަރު (100ރ) ދިނުމަށް އެދި މިނިސްޓްރީގެ ސިޓީއަކަށް ޓީމުން އެދިފައިވާ ކަމަށާއި އެ ސިޓީ ނުދެއްވާނެ ކަމަށެވެ. މި ޓްވީޓުގައި މިނިސްޓަރު ވަނީ ޓީމާއި ލޭބާ ޕާޓީ ގުޅިގެން ރިސޯޓުތަކުން ފައިސާ ހޯދަން އެދިފައިވާ ކަމަށް އިޝާރާތް ކުރައްވައިފަ އެވެ.

މިނިސްޓަރުގެ މި ވާހަކަތަކަށް ރައްދު ދީ ޓިމުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޖަޒުބާތުގައި ޖެހިގެން މިނިސްޓަރަަކަށް ހުންނެވި ބޭފުޅެއް އެފަދަ އިތުރުފުޅެއް ހެއްދެވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމަކަށް ޓީމުން އެދިފައިވާ ނަމަ ހެކި ދެއްކުމަށް ވެސް ވަނީ އެދިފަ އެވެ.

ޓީމުން ކުރި ޓްވީޓް--

ޓީމުގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) "މިހާރު" އަށް ވިދާޅުވީ އެ ޖިމައްޔާ އާއި ލޭބާ ޕާޓީއާ ގުޅުވައިގެން ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަތަކަކީ ސާވިސް ޗާޖުގެ ވާހަކަތައް ދިފާއު ކުރުމަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ. އަދި އެ މައްސަލައަކީ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ސާވިސް ޗާޖުގެ ވާހަކަތަކާ ގުޅިގެން މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވަމުންދާތީ އެކަމުގެ ދިފާއުގައި ދައްކާ ވާހަކަތަކެއް. ނަމަވެސް އެންމެންނަށް ވެސް އެނގޭ ސާވިސް ޗާޖު ދެނީ ރަނގަޅަށް ނޫން ކަން. އެކަމަށް އެއްބަސްވެ ރަނގަޅަށް ވާހަކަ ދެއްކީމަ މިކަން ހައްލުވާނެ،" މާއްޓެ ވިދާޅުވި އެވެ.

މާއްޓެ ވިދާޅުވީ އެ ޖަމިއްޔާއަކީ ދުނިޔޭގެ އެހެން ޖަމިއްޔާތައް ހިންގާހެން ޗަންދާ ނަގައިގެން ހިންގާ ޖަމިއްޔާއެއް ކަމަށެވެ. ނަމަވެސް ޗަންދާ ނަގަނީ ޖަމިއްޔާގެ މެމްބަރުން އަތުން ކަމަށާއި މެނޭޖްމަންޓުން ފައިސާ ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ޖަމިއްޔާއެއް ނުހިންގޭނެ ޗަންދާ ނުނަގާ. އަޅުގަނޑުމެން ޗަންދާ ނަގަނީ ގަދަ ބާރުންނެއް ނޫން. މެމްބަރުން އަމިއްލަ އަށް ބޭނުން ވެގެން ދެނީ،" މާއްޓެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އަށް އެންމެ ފަހުން ސިޓީއެއް ފޮނުވީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ޔޫނިއަން ހެދޭނެ ގޮތް ހަދައިދިނުމަށް އެދި ކަމަށެވެ. ނަމަވެސް އެ ސިޓީގެ ޖަވާބެއް މިހާތަނަށް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.