ޓީމުން ކުރާ ޑިމާންޑްތަކާ މެދު ކަންބޮޑުވަން: ޖީއޭއެމް

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އަމިއްލަ މަންފާތަކެއް ހާސިލު ކުރުމަށްޓަކައި ޑިމާންޑްތަކެއް ކުުރާތީ ކަންބޮޑުވާ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން މިއަދު ބުނެފި އެވެ.


ޖީއޭއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި ޓީމުގެ ޑިމާންޑްތަކެއް ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމަކީ ކަންބޮޑުވާ ކަމެކެވެ. ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން އަތުވެދާނެ ފަދަ ކަމެއް އެއްވެސް ބަޔަކު ނުކުރަން އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

ޓޫރިޒަމް ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓަރު އަލީ ވަހީދު މަސައްކަތް ކުރައްވަމުން އަންނަ ކަަމަށް ބުނެ ބަޔާނުގައި ޖީއޭއެމް އިން ވަނީ އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ. ޓޫރިޒަމް ދާއިރާއަށް ކުރިއެރުން ލިބެނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް މިނިސްޓަރު ގިނަ މަސައްކަތްތަކެއް ކުރައްވާތީ ކަމަަށް ވެސް ޖީއޭއެމްއިން ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ، ރިސޯޓުތަކުގެ މެނޭޖްމަންޓުން އެ ރިސޯޓެއްގެ ކޮންމެ މުވައްޒަފަކަށް 6.50 ޑޮލަރު (100ރ) ޓީމަށް ދޭން މަޖުބޫރުކުރާ ސިޓީއަކަށް އެދިފައިވާ ކަމަށެވެ. އެކަން ނުކުރައްވާނެ ކަމަށާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި މައްސަލަ އުފައްދައިގެން އުޅެނީ ވެސް ޓީމު އަޑީގައި އޮވެ ކަމަށް މިނިސްޓަރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޓީމާ މެދު މިނިސްޓަރު ކޮށްފައިވާ ތުހުމަތުތަކަށް ޖީއޭއެމްގެ އިތުރުން ޓޫރިޒަމް ދާއިރާގެ އެހެން އެސޯސިއޭޝަންތަކުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

މިނިސްޓަރު އަލީ ވަހީދުގެ ތުުހުމަތުތަކަށް ރައްދު ދީ ޓިމުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ޖަޒުބާތުގައި ޖެހިގެން މިނިސްޓަރަަކަށް ހުންނެވި ބޭފުޅެއް އެފަދަ އިތުރުފުޅެއް ހެއްދެވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމަކަށް ޓީމުން އެދިފައިވާ ނަމަ ހެކި ދެއްކުމަށް ވެސް ވަނީ އެދިފަ އެވެ.

ޓީމުގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) "މިހާރު" އަށް ވިދާޅުވެފައި ވަނީ އެ ޖިމައްޔާ އާއި ލޭބާ ޕާޓީއާ ގުޅުވައިގެން ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަތަކަކީ ސާވިސް ޗާޖުގެ ވާހަކަތައް ދިފާއު ކުރުމަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ. އަދި އެ މައްސަލައަކީ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.