ދިރާގުން އީ-ސިމް ތައާރަފް ކޮށްފި

ޓެލެކޮމިއުނިކޭޝަން ދާއިރާގެ ފަހުގެ ޓެކްނޮލޮޖީއެއް ކަމަށްވާ އީ-ސިމް ދިރާގުން މިއަދު ތައާރަފް ކޮށްފި އެވެ.


އީ-ސިމަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯޓް ކުރާ ފޯނުތަކުގައި، އާދައިގެ ސިމާ އެކު، ކޮންމެވެސް އެއް އީ-ސީމް ޕްރޮފައިލެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެ އެވެ. އެހެންކަމުން، އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރުން ފަދަ ލުއިފަސޭހަތައް މި ޚިދުމަތުގެ ސަބަބުން ލިބޭނެ އެވެ.

އީ-ސިމެއްގައި 8 ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވޭނެ އެވެ. މި ޚިދުމަތަކީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ފަސޭހަކަމާ އެކު ސިމް މެނޭޖްކުރެއްވޭނެ ހިދުމަތެއް ކަމަށް ދިރާގުން ބުންޏެވެ. އަދި އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަގްބަލަކަށް ވާސިލް ވުމަށް އިތުރު ބާރަކަށްވެ، މޮބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު އީ-ސިމް--

މި ސިމް ނަގަން ބޭނުންވާ މީހުންނަށް ދިރާގު އެޕް މެދުވެރިކޮށް ސިމް އެކްޓިވޭޓް ކުރެވޭނެ އެވެ. އީ-ސިމެއްގެ އަގަކީ އާދައިގެ ސިމެއް ލިބޭ އަގެވެ. އެއީ 30ރ. އެވެ.

އީ-ސިމްގެ ޚިދުމަތް ބޭނުންކުރެވޭނީ މި ސިމްތަކަށް ހާއްސަ ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުން އެކަންޏެވެ. މީގެ ތެރޭގައި:

އީ-ސިމް ސަޕޯޓް ކުރާ ފޯނުތައް

- އައިފޯން އެކްސް އެސް

- އައިފޯން އެކްސް އެސް މެކްސް

- އައިފޯން އެކްސް އާރް

- އައިފޯން 11

- އައިފޯން 11 ޕްރޯ

- އައިފޯން 11 ޕްރޯ މެކްސް

- ގޫގުލް ޕިކްސެލް 3އިން ފެށިގެން ފަހުގެ ފޯނުތައް

ދިރާގަކީ ދުނިޔެއަށް އަލަށް ތައާރަފު ކުރާ އާ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ. ދިރާގުގެ އަމާޒަކީ ރާއްޖެއަށާއި ދިވެހި މުޖުތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތްތައް މެދުވެރިކޮށް "ޑިޖިޓަލް ރާއްޖެ" އަކަށް މި ގައުމު ވާސިލުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.