އުމުރުން 21 އަހަރުން ދަށަށް މޮބައިލް ފޯން މަނާކުރަން ބިލެއް

އުމުރުން 21 އަހަރުން ދަށުގެ މީހުން މޮބައިލް ފޯނު ބޭނުންކުރުން މަނާކުރަން ގޮވާލާ ބިލެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަޅައިފި އެވެ.


ހަތިޔާރު ގެންގުޅުމާ އެއްވަރަށް މޮބައިލް ފޯނުގެ ނުރައްކާތެރިކަން ވެސް ބޮޑުކަން ހާމަކޮށް ދިނުމުގެ ގޮތުން ކޮންގްރެސް އަށް ބިލް ހުށަހެޅުއްވީ ޑިމޮރެކްޓިކް ޕާޓީ އަށް ނިސްބަތްވާ ވާމަންޓްގެ އެސިކްސް/އޯލިއަންސް ތަމްސީލުކުރައްވާ މެމްބަރު ޖޯން ރޮޖާޒެވެ.

މި ބިލާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ބިލް ހުށަހެޅުއްވީ ކޮންމެހެން އެ ބިލް ފާސްކޮށް ގާނޫނަކަށް ހަދަން މަޖުބޫރުކުރުމުގެ ގޮތުން ނޫން ކަމަށެވެ. އެހެންވެ އެ ބިލް ޖުޑިޝަރީ ކޮމިޓީން ފާސްނުކުރާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ބިލުން އަހަރެން ސަމާލުކަމަށް ގެންނަން ބޭނުންވީ މޮބައިލް ފޯނުގެ ނުރައްކާތެރިކަން މިހާރު އޮތް މިންވަރާއި އެކަމަށް ހޭލާ ތިބުމުގެ މުހިއްމުކަން އަންގައި ދިނުމުގެ ގޮތުން." ރޮޖާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުމުރުން 21 އަހަރުގެ ދަށުގެ މީހުންނަށް ހަތިޔާރު ވިއްކުން ވާމަންޓްގައި މަނާކަމެއްގެ ގޮތުގައި އޮތް އިރު، މޮބައިލް ފޯނު ބޭނުންކުރެވޭ އުމުރު ވެސް 21 އަހަރުން މައްޗަށް ޖެއްސުމަކީ ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާނެ ކަމަށެވެ.

ރޮޖާޒްގެ ބިލްގައި ފާހަގަކޮށްފައިވާ ގޮތުގައި ހަތިޔާރާ އެއްގޮތަށް މޮބައިލް ފޯނަކީ ވެސް 21 އަހަރުން ދަށުގެ މީހުންނަށް އެ އެއްޗެހީގެ ބޭނުން ހެޔޮގޮތުގައި ހިފަން ތަސަރައްފު ފުދޭ އުމުރެއް ނޫނެވެ.