މަޓާޓޯ ޓްރެވަލް އެވޯޑުގެ ވަނަތައް ހޮވުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެސޯސިއޭޝަން އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ޓްރެވަލް އެވޯޑުގެ ވަނަތައް ހޮވުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.


އަންނަ މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް އެވޯޑުގައި 35 ކެޓަގަރީއަށް 246 ފަރާތުން ކުރިމަތިލާފައިވާއިރު، ވަނަތައް ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހޮޓެލް ޖެންގައި އެވެ.

ތިންކް އެޑްވަޓައިޒިން އިން އިންތިޒާމް ކޮށްގެން ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ މި އެވޯޑުގެ ވަނަތައް ހޮވުމަށް ހާއްސަ ޖަޖުންގެ ޕެނަލެއް ވަނީ އެކުލަވާލައިފަ އެވެ. މި ޕެނަލްގައިި ތިއްބަވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ނުވަ ތަޖުރިބާރެކެވެ. ވަނަތައް ހޮވާނީ ފަނޑިޔާރުންގެ މާކްސްގެ 70 ޕަސެންޓާއި އާންމުންގެ ވޯޓުގެ 30 ޕަސެންޓުގެ ޖުމްލައަށް ބެލުމަށް ފަހު އެވެ. ސްކޯ ގުނުން ހަވާލުކޮށްފައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޭޕީއެމްޖީ އޮޑިޓް ފާމާ އެވެ.

ތިންކުން މިދިޔަ މަހު ވަނީ އެވޯޑަށް ކުރިމަތިލި ފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު، އެވޯޑަށް ހާއްސަ ވެބްސައިޓް www.travelawards.mv އަދި އެސްއެމްއެސް މެދުވެރިކޮށް އާންމުންނަށް ހުޅުވާލާފައި އެވެ. އެސްއެމްއެސް އިން ވޯޓުލާ މީހުން ބޭނުން ކުރަން ޖެހޭ ކޯޑުތަކާއި އިތުރު މައުލޫމާތު ވެބްސައިޓުގައި ވަނީ ޝާއިއު ކޮށްފަ އެވެ

މި އަހަރުގެ އެވޯޑުގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. އެވޯޑުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "މިހާރު" ހަމަޖައްސާފައިވާއިރު އިތުރު ޕާޓްނަރުންގެ ތެރޭގައި އެލައިޑް އިންޝުއަރެންސާއި ފިއުލް ސަޕްލައިސް މޯލްޑިވްސް، ޕީއެސްއެމް އާއި ދިރާގު އަދި ކޮކާކޯލާ ހިމެެނެ އެވެ.

‎މަޓާޓޯ ޓްރެވަލް އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރާ އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން އެ ދާއިރާ އިން ހޮވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.