ޕޯޓުތައް ޑިޖިޓަލްކޮށް ގުޅާލަން އޭޑީބީން ސާވޭއެއް ފަށައިފި

ރާއްޖޭގެ ޕޯޓުތައް ޑިޖިޓަލްކޮށް، ފަސޭހައިން މުއާމަލާތް ކުރެވޭނެ ގޮތްތައް ހޯދަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ސާވޭއެއް މިއަދު ފަށައިފި އެވެ.


ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސާވޭގައި މިޓްސުބުޝި ރީސާޗް އިންސްޓިޓިއުޓް (އެމްއާރުއައި)ގެ ޓީމެއް ރާއްޖޭގެ ޕޯޓުތަކުގެ މައުލޫމާތު ހޯދާނެ އެވެ. މީގެ ތެރޭގައި ޕޯޓުތަކުގައި މިހާރު ކަންތައްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ޕޯޓުތަކުގެ މީހުންނާއި ވިޔަފާރިވެރިންނާއި ސަރުކާރުގެ މުއައްސަސާތަކާ ސުވާލު ކުރާނެ އެވެ. މިހާރު ވެސް ގިނަ ތަންތަނަށް ފޮނުވި ސާވޭ ފޯމުތައް ލިބިފައިވާ ކަމަށް އެމްއާރުއައި އިން ބުންޏެވެ.

މި ސާވޭއަކީ ރާއްޖޭގެ ޕޯޓުތަކާއި ވިޔަފާރިވެރިންނާއި އަދި ކަމާ ބެހޭ އިދާރާތައް އެއް ޕްލެޓްފޯމަކުން ގުޅުވާލުމަށް ކުރިއަށްގެންދާ ސާވޭއެކެވެ. އެގޮތުން، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ބޭނުންކުރާ ޕޯޓް ކޮމިއުނިޓީ ސިސްސްޓަމް (ޕީސީއެސް) ސިސްޓަމް ރާއްޖޭގައި ގާއިމް ކުރުމަށް ހުރި ކަންތައްތައް މި ސާވޭއިން އެނގިގެންދާނެ އެވެ.

އޭޑީބީގެ ސާވޭ ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލް އާއި ކަސްޓަމްސްގެ މުވައްޒަފުން ބައިވެރިވަނީ-- ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ ޑޭޓާބޭސް އިންޖިނިއަރު އިލްޔާސް މުހައްމަދު ވިދާޅުވީ މި ސާވޭ އަށް ފަހު ޕީސީއެސް ރާއްޖޭގައި ގާއިމްކުރުމަށް އޭޑީބީން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި ސިސްޓަމް ރާއްޖޭގައި ގާއިމް ކުރެވިއްޖެ ނަމަ ޕޯޓުގެ ހިދުމަތްތައް މިހާރަށް ވުރެ އަވަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ޖެހެނީ އެކި ލިޔުންތައް ބައިވަރު ތަންތަނަށް ހުށަހަޅަން. އެހެން ނަމަވެސް މިގޮތަށް ގުޅަލީމާ މި ވާގޮތަކީ އެއް ކަރުދާސް ހުށަހެޅުމުން އެ ކަރުދާސް ލިބެން ޖެހޭ ހުރިހާ ތަނަކަށް ލިބޭނެ. މީގެ ސަބަބުން ހުރިހާ އެންމެންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ،" އިލްޔާސް ވިދާޅުވި އެވެ.

ރާއްޖޭގެ އިތުރުން އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި ވެސް އޭޑިބީން އަންނަނީ މި ސާވޭ ކުރިއަށްގެންދަމުންނެވެ. މީގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ސްރީ ލަންކާ، ފަދަ ގައުމުުތައް ހިމެނެ އެވެ.