ޑެލްޓާގެ މުވައްޒަފުން ޝަކުވާކުރާތީ ޔުނިފޯމް ބަދަލުކުރަނީ

އެމެރިކާގެ ޑެލްޓާ އެއާލައިންގެ މުވައްޒަފުން މީގެ ދެ އަހަރު ކުރިން ފެށިގެން ބޭނުންކުރަމުން އަންނަ ޔުނިފޯމްތަކުގެ ސަބަބުން ސިއްހަތަށް ނުރައްކާވާ ކަމަށް ބުނެ އެ ޔުނިފޯމްތައް ފަރުމާކުރި ކުންފުންޏަށް ދައުވާކޮށްފައި ވަނިކޮށް، އެ އެއްޗެހި ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.


ޑެލްޓާގެ ކެބިން ކްރޫންނާއި ކަސްޓަމާ ސާވިސްގެ އިތުރުން ގޭޓް އެޖެންޓުން ބޭނުންކުރަމުން ދިޔަ އާ ޔުނިފޯމްތައް ތައްޔާރުކުރީ ލޭންޑްސް އެންޑް ކިޔާ ކުންފުންޏަކުންނެވެ. ޔުނިފޯމްތައް ފަރުމާކޮށްފައި ވަނީ ސިއްހަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އެ ކުންފުންޏަށް މިދިޔަ މަހު ޑެލްޓާގެ 500 އަށް ވުރެ ގިނަ މުވައްޒަފުން ދައުވާކޮށްފައިވެ އެވެ.

އެ މީހުންގެ ދައުވާގައި ބުނެފައިވާ ގޮތުން ޔުނިފޯމްތައް ފަރުމާކޮށްފައިވާ ގޮތުން ގަޔަށް ބާރުކަމުން ނޭވާލާން އުނދަގޫވުމާއި މައިގްރޭނާއި ވޯކަލް ކޯޑް ޑިސްފަންކްޝަނާއި ގައިގެ ހަންގަނޑު ހަލާކުވުމާއި ހަންގަނޑު ކުރަކަވެ ބިހިތައް ނެގުމާއި ނޭފަތުން ލޭ އައުމާއި ކަންފަތް ބައްވުމާއި ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުކުރުން ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވެފައިވެ އެވެ.

މިކަމާ ގުޅިގެން ޑެލްޓާ އިން ކުރިން ބުނެފައި ވަނީ 2018 ގެ މެއި މަހުން ފެށިގެން އަލަށް ބޭނުން ކުރަމުން ދިޔަ ޔުނިފޯމްތަކަކީ މުވައްޒަފުންނަށް ރައްކާތެރި އެއްޗެހި ކަމަށާއި ޔުނިފޯމް ރައްކާތެރި ނޫން ކަމަށް ބުނާ ވާހަކަ ގަބޫލުނުކުރެވޭ ކަމަށެވެ.

ނަމަވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކާ ގުޅިގެން ލޭންޑްސް އެންޑުން ފަރުމާކުރިި ޔުނިފޯމްތައް ބޭނުންކުރުން ހުއްޓައިލަން ނިންމާފައިވާ ކަމަށް ޑެލްޓާ އިން ބުދަ ދުވަހު ބުންޏެވެ.

އެ ކުންފުނީގެ ތަރުޖަމާނު އެންތަނީ ބްލެކް ވިދާޅުވީ އާ ޔުނިފޯމްތަކެއް ރަސްމީކޮށް އަންނަ އަހަރު ތައާރަފުކޮށް، މުވައްޒަފުން ބޭނުންކުރަން ފަށާނެ ކަމަށާއި އެކަން މިހާރު ހުރިހާ މުވައްޒަފުންނަށް ވެސް އަންގާފައިވާ ކަމަށެވެ.

"އެ ޕްރޮސެސްގެ ތެރޭގައި އަހަރެމެން މިހާރު މިއުޅެނީ،" އޭނާ ވިދާޅުވި އެވެ. "އަދި އަންނަ މެއި މަހުން ފެށިގެން ވަގުތީ ގޮތުން އެހެން ޔުނިފޯމްތަކެއް މުވައްޒަފުން ބޭނުން ކުރާނެ. އަހަރެމެން މި ބަލަނީ ދާއިމީ އާ ޔުނިފޯމް އެންމެ ލަސްވެގެން ވެސް އަންނަ އަހަރުގެ ފަހުކޮޅުގައި ބޭނުންކުރަން ފެށޭނެ ކަމަށް."

ޑެލްޓާ އިން ބުނިގޮތުގައި ލޭންޑްސް އެންޑްގެ ޔުނިފޯމްތަކެއް ބޭނުން ކުރަން ހުއްޓައިލަން ނިންމި ވެސް އެ އެއާލައިންގެ ބައެއް ޑިޕާޓްމަންޓްތަކުގައި މިހާރެކޭ އެއްގޮތަށް އަދިވެސް ލޭންޑްސްގެ ޔުނިފޯމްތަކެއް ބޭނުންކުރާނެ އެވެެ. އޭގެ ތެރޭގައި މެކޭނިކުންނާއި ރޭމްޕް ވޯކަރުންނާ ކާގޯ ހެންޑްލްކުރާ މުވައްޒަފުން ހިމެނެ އެވެ.

ޔުނިފޯމްތަކެއް ބަދަލުކުރަން ޖެހުމަކީ ޑެލްޓާ އަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަން ޖެހޭނެ ކަމަކަށް ވާނެ އެވެ.