"ސްޓްރީޓް ސޮކާ" ޓުއާ ފަށައިފި

ޔުނިކްސް ސްޕޯޓްސް އާއި ބީއެޗްއެމް ޓްރޭޑާސް ގުޅިގެން ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ "އެކްސް އެލް ސްޓްރީޓް ސޮކާ މޯލްޑިވްސް ޓުއާ" މިއަދު ހުޅުމާލޭގައި ފަށައިފި އެވެ.


ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު މި މުބާރާތް ފައްޓަވައިދެއްވީ އެކްސްއެލްގެ ރީޖަނަލް މެނޭޖަރު މާޓިން އެވެ. މި ރަސްމިއްޔާތުގައި ބީއެޗްއެމްގެ އިސް ބޭފުޅުންނާއި ޔުނިކްސް ސްޕޯޓްސްގެ އިސް ބޭފުޅުން ބައިވެރިވި އެވެ.

މި އަހަރު ކުރިއަށްގެންދާ މި ޓުއާ އަކީ ރާއްޖޭގެ ރަށްތަކުގައި ފުޓުބޯޅަ ކުޅޭ ދެ ޖިންސުގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްދާ ހަރަކާތެކެވެ. "ސްޓްރީޓް ސޮކާ" އަކީ ކުޑަ ސަރަހައްދެއްގައި މަދު ވަގުތުކޮޅަކަށް ކޫޅޭ ކުޅިވަރެކެވެ. އެގޮތުން މިހާރު ކުރިއަށްދާ މުބާރާތުގެ މެޗެއްގައި ކުޅޭނީ ހަތް މިނެޓުގެ ދެ ހާފެވެ.

މި މުބާރާތް މާލެ ސަރަހައްދުގައި ފެށި ނަމަވެސް މި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ނުވަ ރަށެއްގައި މި މުބާރާތް ކުރިއަށްދާނެ އެވެ. އަދި ކޮންމެ ރަށެއްގެ ޗެމްޕިއަން ޓީމަށް މާލޭގައި ބާއްވާ ބޮޑު މެޗުގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ޓުއާ ކުރިއަށްދާ ރަށްތައް

- ޖެނުއަރީ 31، މާލެ.

- ފެބްރުއަރީ 14، ކުޅުދުއްފުށި.

- ފެބްރުއަރީ 15، ބ. އޭދަފުށި.

- ފެބްރުއަރީ 28، ދ. ކުޑަހުވަދޫ.

- މާޗު 6، ޅ. ނައިފަރު.

- މާޗު 13، ލ. ގަން.

- މާޗު 20، ގދ. ތިނަދޫ.

- މާޗު 27، ފުވައްމުލައް.

- އޭޕްރިލް 3، އައްޑޫ.

ޔުނިކްސް ސްޕޯޓިންގެ މެނޭޖިން ޑިރެކްޓަރު ރޭޝަމް ޝަރީފު ވިދާޅުވީ މި ޓުއާ އަކީ ފުޓުބޯޅަ ކުޅުމުގެ ހުނަރު ހުރި ޒުވާނުންނަށް އެ ހުނަރު ދައްކާލަދޭނެ ޕްލެޓްފޯމެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް ޔުނިކްސް ސްޕޯޓްގެ ވެބްސައިޓުގައި ރަޖިސްޓްރީވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

"ރާއްޖޭގަ އެބައުޅޭ ވަރަށް ޒުވާން ޓެލެންޓުތައް. އެ ކުދިންނަށް މި ހުނަރު ޑެވެލޮޕްކޮށް ދައްކާލުމުގެ ފުރުސަތު ދިނުން މި ޓުއާގެ އެންމެ ބޮޑު މަގުސަދަކީ." ރޭޝަމް ވިދާޅުވި އެވެ.

މި ޓުއާގައި ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނީ 24 ޓީމަށެވެ. އެއީ ފިރިހެނުންގެ 16 ޓީމާއި އަންހެނުންގެ ހަ ޓީމެވެ. މިއިން ކޮންމެ ޓީމެއްގައި ވެސް އޮފިޝަލާއެކު ފަސް ކުޅުންތެރިން ތިބެން ޖެހޭނެ އެވެ.