ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން 20 މިލިއަން ރުފިޔާގެ ފަންޑެއް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން 20 މިލިއަން ރުފިޔާގެ ފަންޑެއް ރޭ އިފުތިތާހު ކޮށްފި އެވެ.


"އެސްއެމްއީ އިނޮވޭޝަން ފަންޑް" ގެ ނަމުގައި ކުރިއަށް ގެންދާ މި ފަންޑު އިފުތިތާހު ކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވަން މި ފަހަރު ތައާރަފުކުރީ 20 މިލިއަން ރުފިޔާގެ ފަންޑަކަށް ވިޔަސް، އަމިއްލަ ވިޔަފާރިތަކުގެ އެހީއާ އެކު، ކުރިމަގުގައި މި ފަންޑު އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިި ފަންޑު ބޭނުންކޮށްގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އީޖާދީ ވިޔަފާރިތައް ފެށުމަށާއި ކުރިއެރުވުމުގެ ގޮތުން ބޭނުންވާ ކެޕިޓަލް ހަމަޖެހޭނެ އެވެ. އަދި މުދާ ރަހުނުކޮށްގެން ބޭންކް ލޯނު ލިބުމުގައި ދަތިވާ ވިޔަފާރިތަކަށް ވެސް މި ފަންޑުން ހައްލު ލިބޭނެ އެވެ.

މި ފަންޑުގެ އެހީގައި ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނާއި ބިޒްނަސް އިންކިއުބޭޓާ މެދުވެރިކޮށް ހުރި ފުރުސަތުތައް ތަނަވަސް ކޮށްދޭނެ އެވެ. މިއީި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެސްއެމްއީ އިނޮވޭޓިވް ފަންޑު ހާއްސަ ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ޓެކްނޮލޮޖީއާ ގުޅޭ ތަފާތު ދާއިރާތައް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން، "އައިސީޓީ"، "ފިންޓެކް"، "ހެލްތު ޓެކް"، "އެގްރިޓެކް"، "އެޑިއުކޭޝަން ޓެކް" އަދި "ރީޓެއިލް ޓެކް" ހިމެނެ އެވެ. މީގެ އިތުރުން ވާޗުއަލް ރިއަލިޓީ އާއި ޓޫރިޒަމް އަދި އާޓް އެންޑް ކަލްޗާ އާއި ލޮޖިސްޓިކާއި ދަތުރުފަތުރުގެ ދާއިރާ އަށް ވެސް މި ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ދުނިޔެ ކުރިއަރައިގެންދާ ވަރަކަށް އެކި ދާއިރާތަކުން ޓެކްނޮލޮޖީއާ ގުޅުން ހުރި ވިޔަފާރިތަކަށް ފުރުސަތު ހުޅުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މި ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނީ އެ ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބަރޯސާވާ މިންވަރު ކުޑަކުރެވޭނީ ދިވެހިން އެ ދާއިރާތަކަށް ނުކުމެގެންނެވެ. އަދި މި ފަންޑުގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާ އިން ތަފާތު ހިޔާލު ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިގްތިސާދު ކުރިއެރުވުމުގައި ޓެކްނޮލޮޖީގެ ދާއިރާ އިން އަޅުގަނޑުމެން ބޭރުގެ ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރެވިދާނެ. އަޅުގަނޑުގެ އުއްމީދަކީ މި ފަންޑުގެ ސަބަބުން އިނޮވޭޓިވް އައިޑިއާސްތައް ހުރި ޒުވާނުން ފެނިގެން ދިއުން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްއެފްއެމްސީން ވަނީ "މޯލްޑިވްސް އިނޮވޭޓިވް ކުއެސްޓް" ގެ ނަމުގައި މުބާރާތެއް ވެސް ރޭ ތައާރަފުކޮށްފަ އެވެ. މި މުބާރާތުގައި، އަލަށް ފަށާ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު އޮންނާނެ އެވެ. މި މުބާރާތުން ވަނަތަކަށް ހޮވޭ ވިޔަފާރިތަކަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓުގެ ގްރާންޓް ލިބޭނެ އެވެ. އަދި އެއް ވަނަ އަށް ދާ މީހަކަށަށް ދުބާއީގައި ކުރިއަށް ގެންދާ "އެނުއަލް އިންވެސްޓްމެންޓް މީޓިން" ގައި ބައިވެރިވުމުގެ ފުރުސަތު ވެސް ދެ އެވެ.

އެމްއެފްއެމްސީން "އެސްއެމްއީ އިނޮވޭޝަން ފަންޑު" ގެ އިތުރުން ޓޫރިޒަމް ޑިވެލޮޕްމަންޓް ފަންޑާއި އިންފްރާސްޓްރަކްޗާ އާއި އިޔާދަކުރަނިވި ހަކަތަ އަށް ހާއްސަ އިންވެސްޓްމަންޓް ފަންޑެއް ވެސް ކުރިއަށް ގެންދެ އެވެ.