ގައުމީ ތަރައްގީއަށް އޮތް ހުރަހަކީ ހުނަރުވެރިން މަދުވުން: އެޑިއުކޭޝަން މިނިސްޓަރު

ގައުމީ ތަރައްގީއަށް އޮތް ހުރަހަކީ ހުނަރުވެރިން މަދުވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.


ސްޓެލްކޯއިން އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިލެކްޓްރިޝަން ލެވެލް ތިނެއްގެ ކޯސް ފަށަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހުނަރުވެރިން ރާއްޖޭގައި މަދުއިރު 21 އަންހެނުން އިލެކްޓްރީޝަނުންގެ ގޮތުގައި ތަމްރީނު ކުރުމަކީ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ގައުމެއް ވެސް ކުރިއަރާނީ އަންހެނުންނާއި ފިރިހެނުން އެކީގައި މަސައްކަތް ކުރުމުންނެވެ. ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އާއި މެތަމެޓިކްސް، ކުރުކޮށް ކިޔާ ނަމަ، ސްޓެމް ދާއިރާގައި އަންހެނުންގެ ހިއްސާ ވަރަށް ކުޑަ އެވެ. އެހެންކަމުން ޑރ. އައިޝަތު ވިދާޅުވީ މި ދާއިރާތަކުން އަންހެނުން އިތުރުކުރެވޭނީ، އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލައިގެން ކަމަށެވެ.

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުން ރާއްޖޭގައި މިކަން ފެށިގެން އައި އެއްގޮތަކީ އަންހެން ކުދިންނަށް ކިޔެވުމުގެ ފުރުސަތުތައް ހަނިވުން. ނަމަވެސް މިހާރު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ގިނަ ކުދިންނަކީ އަންހެން ކުދިން،" އޭނާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިލެކްޓްރީޝަން ކޯސް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ

ސްކޫލު ނިޒާމުގައި ހަރަކާތްތެރިވާ ގިނަ ޓީޗަރުންނަކީ ވެސް އަންހެނުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލުތަކުން މަތީ ވަނަތައް ހޯދާ ކުދިންގެ މެދުގައި ޖިންސުގެ ތަފާތެއް މިހާރަކު ނެތެވެ. އެކަމަކު އަދިވެސް ސްޓެމް މާއްދާތައް ކިޔަވައިދޭ ޓީޗަރުންގެ ގޮތުގައި އަންހެނުން މަދު ކަމަށް ވިދާޅުވި އެވެ.

މި ދާއިރާތަކަށް އަންހެނުން އިތުރު ކުރުމަށް އޮތް އަނެއް ހުރަހަކީ، ޑރ. އައިޝަތު ވިދާޅުވި ގޮތުގައި، މިފަދަ ދާއިރާތަކުގައި އަންހެނުންނާ ރައްޓެހި މަސައްކަތު މާހައުލެއް ނެތުމެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ކޯސް ފުރިހަމަ ކުރުމުން، ކޮންސްޓްރަކްޝަން، ޔުޓިލިޓީސް އަދި އިންޖިނިއަރިންގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ލިބޭނެ ކަމަށެވެ.

"ސަރުކާރާއި ސަރުކާރާ ގުޅިފައިވާ ސްޓެލްކޯ ފަދަ ކުންފުނިތަކުން މިއަދު އަންހެން ބޭފުޅުން ބާރުވެރިކުރުމަށް މި ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހުރިހާ ބޭފުޅުން ވެސް ހިއްޕެވުން [އެދެން]،" އޭނާ ވިދާޅުވި އެވެ.

އިލެކްޓްރީޝަން ކޯސް ކުރިއަށް ގެންދަނީ 15 ހަފްތާއަށެވެ. މި ކޯހުގައި ސްޓެލްކޯގެ އަންހެން ބައެއް މުވައްޒަފުން ވެސް ބައިވެރިވެ އެވެ.