ސަރުކާރަށް ތާއީދު ބޮޑު، އެ ތާއީދު ދަމަހައްޓަން ވެސް މަސައްކަތް ކުރަން ޖެހޭ: ދިރާސާ

މި ސަރުކާރަށް ދިވެހިންގެ މެދުގައި އޮތް ތާއީދު ބޮޑު ކަމަށާއި ހަމަ އެއާ އެކު އެ ތާއީދު ދަމަހައްޓަން ސިޔާސީ ހަމަނުޖެހުމާއި ކޮރަޕްޝަނުގެ ބިރުވެރިކަން ނައްތާލަން ޖެހޭ ކަމަށް، ބޭރުގެ ޖަމިއްޔާއަކުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.


އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި މައި އޮފީސް ހުންނަ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައިއާރުއައި) އިން ހެދި ދިރާސާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން މުޅި ރާއްޖެ ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ ފުރަތަމަ ދިރާސާ އެވެ.

މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި ސުވާލުކުރި 18 އަހަރުން މަތީގެ 1،130 މީހުންގެ ތެރެއިން 61 ޕަސެންޓް މީހުން ރައީސްއާ މެދު ހިތްހަމަ ޖެހެ އެވެ. އަދި ސަރުކާރަށް 56 ޕަސެންޓް މީހުންގެ ތާއީދު ވެސް ވަނީ ލިބިފަ އެވެ.

ދިރާސާ އިން އެނގޭ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިގްތިސާދު އިތުރަށް ފުޅާވާނެ ކަމަށް ވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި މިހާރު ވެސް މި ކުރިއެރުން ފެންނަ ކަމަށް، ދިރާސާގައި ސުވާލުކުރި ގިނަ ބަޔަކު ބުނެފައިވެ އެވެ.

ދިރާސަގައި ބައިވެރިކުރި މީހުންގެ ތެރެއިން 75 ޕަސެންޓް މީހުން މިހާރު ވެސް އިގްތިސާދު ރަނގަޅު ކަމަށް ގަބޫލު ކުރާއިރު 63 ޕަސެންޓް މީހުންގެ ނަޒަރުގައި ކުރިއަށް އޮތް އަހަރުތަކުގައި އިގްތިސާދު މިހާރަށް ވުރެ ވެސް ރަނގަޅު ވާނެ އެވެ.

އައިއާރުއައި އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރު ޖޮއާނާ ކާއޮ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަހަރު ރައްޔިތުން ހިތްހަމަޖެހިފައި ތިބި ނަމަވެސް އެ ތާއީދު ދަމަހައްޓަން ކޮރަޕްޝަނާއި ސިޔާސީ ހަމަނުޖެހުންތަކާ މެދު އޮތް ނުތަނަވަސްކަން ނައްތާލަން ޖެހޭނެ ކަމަށެވެ.

އިތުރުން ވަޒީފާ ނުލިބުމާއި ބޯހިޔާ ވަހިކަމުގެ މައްސަލަތަކާއި މަަސްތުވާތަކެތީގެ މައްސަލަތަކަށް ވަގުތުން ހައްލު ހޯދަން ގިނަ ބަޔަކު ބޭނުންވާ ކަމަށް ވެސް ދިރާސާ އިން ފެނުނެވެ.

އައިއާރުއައި އަކީ ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރަސީގެ ރޫހު އާލާކޮށް، ގައުމުތަކުގައި ދިމާވާ މައްސަލަތަކުގެ މައްޗަށް ސިޔާސީ ޕާޓީތަކުން ސިޔާސަތު ބިނާކުރަން ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދޭ، ސިޔާސީ ވަކި ފިކުރަކަށް ތަބާއަނުވާ ޖަމާއަތެކެވެ.