"ރެއާ ބިއުޓީ" ގެ ނަމުގައި ސެލީނާ ގޮމޭޒްގެ މޭކަޕް ލައިނެއް

އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް މިދިޔަ މަހު "ރެއާ" ގެ ނަމުގައި އަލްބަމެއް ނެރުމަށް ފަހު އެ ނަމާ ގުޅުވައިގެން އޭނާގެ އަމިއްލަ މޭކަޕް ލައިނެއް ލޯންޗްކުރަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.


އިންސްޓަގްރާމްގައި މިކަން ހިއްސާކުރަމުން ސެލީނާ، 27، ބުނީ މިއީ ވަރަށް ހާއްސަ އަދި އެހާމެ އުފާވެރި ކަމެއް ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް އަމިއްލަ މޭކަޕް ލައިނެއް ނެރުމަކީ ހުވަފެނެއް ކަމަށާއި އެކަން ހާސިލުކުރެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ދެ އަހަރު ދުވަހުގެ މަސައްކަތަށް ފަހު "ރެއާ ބިއުޓީ" ރަސްމީކޮށް ލޯންޗްކުރަން ނިންމާފައި ވަނީ އަންނަ މެއި މަހުގެ ތެރޭގަ އެވެ. އެގޮތުން އެންމެ ފުރަތަމަ "ރެއާ ބިއުޓީ" ގެ އުފެއްދުންތައް ވިއްކާނީ އުތުރު އެމެރިކާގައި ހިންގާ ސެފޯރާގެ އައުޓްލެޓްތަކުންނެވެ.

"ރެއާ ބިއުޓީ އަކީ ހަމައެކަނި ބްރޭންޑަކަށް ވުރެ ބޮޑަށް ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ވަންތަކަން ގެނުވައިދޭނެ ކަލެކްޝަނަކަށް ވާނެ،" ސެލީނާ ބުންޏެވެ. "ކޮންމެ މީހަކީ ވެސް އެ މީހެއްގެ ޒާތުގައި ރީތި، ތަފާތު މީހެއް. ރެއާ ބިއުޓީ އަކީ އެކަމަށް އިސްކަން ދީގެން ތައާރަފުކުރާ އެއްޗެއް."

ރިޕޯޓްތައް ބުނާގޮތުން ސެލީނާ ވަނީ މިދިޔަ އަހަރު އޭނާގެ ނަމުގައި ޓްރޭޑްމާކެއް ވެސް ރަޖިސްޓްރީކޮށްފަ އެވެ. އަދި އޭގެ ދަށުން ކުރިއަށް އޮތް ތަނުގައި ސެންޓާއި ކޮސްމެޓިކާއި ސައިބޯންޏާއި އެސެންޝަލް ތެލާއި މޮއިސްޗަރައިޒާ އާއި ހަމާއި އިސްތަށިގަނޑަށް ހާއްސަ ފެންވަރު ރަނގަޅު އުފެއްދުންތަކެއް ނެރޭނެ އެވެ.