ޑްރައިވަރަކާ ނުލައި ޑެލިވަރީކޮށްދޭ ވޭނެއް

ޑެލީވަރީގެ ހިދުމަތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ، އިންސާނަކާ ނުލައި ދުއްވާ ކުޑަ ވޭނެއް މަގުތަކުގައި ޓެސްޓްކުރުމުގެ ހުއްދަ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދީފި އެވެ.


ނިއުރޯ ކިޔާ އެމެރިކާގެ ކުންފުންޏަކުން އެތަނުގެ ޖެނެރޭޝަން 2 ޕްރޮގްރާމްގެ ދަށުން ތައްޔާރުކޮށްފައިވާ، ކުކުޅު ބިހެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ ވޭނަށް ދީފައިވާ ނަމަކީ "އާރް 2" އެވެ. މި ޓެސްޓްކުރަން ހަމަޖެހިފައި ވަނީ ޓެކްސަސްގެ ހިއުސްޓަންގަ އެވެ.

"އާރް 2" އަކީ އާންމުކޮށް ވެހިކަލްތަކުގައި ހުންނަ މައިގަނޑު ފީޗާތައް ނުހުންނަ އެއްޗެކެވެ. އެގޮތުން ވިންޑްސްރީންނާއި އަރިމަތީގައި ހުންނަ ލޯގަނޑުތަކާއި ސްޓިއަރިން ވީލްތަކާއި ޕެޑަލް ފަދަ އެއްޗެހި ނުހުންނާނެ އެވެ. އަދި މުޅި އުޅަނދު ކޮންޓްރޯލްކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނީ ރެއާ ވިއު ކެމެރާ އެވެ. މީގެ އިތުރުން "އާރް 2" ގެ މިސްރާބު ކޮންޓްރޯލްކުރަން ރާޑަރާއި ތާމަލް އިމޭޖިން އާއި 360 ޑިގްރީ ކެމެރާ ހުންނާނެ އެވެ.

އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ އެލެއިން ޝާއޯ ވިދާޅުވީ "އާރް 2" އަކީ ގަޑިއަކު 25 ކިލޯމީޓަރުގެ ދުލެވީގައި ބޭނުންކުރެވޭނެ އެއްޗެއް ކަމަށެވެ. އަދި މީގެ ޓެސްޓްތައް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބެލުމުގެ އިތުރަށް އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ނިއުރޯ އިން ޓްރާންސްޕޯޓް ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ނިއުރޯގެ އެއް ބާނީ ޑޭވް ފާގަސަން ވިދާޅުވީ "އާރް 2" ޓެސްޓްކުރުމުގެ ހުއްދަ ލިބުމަކީ އެފަދަ އުޅަނދުތައް އުފައްދާ ކުންފުނިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ޑްރައިވަރަކާ ނުލައި ދުއްވާ ވެހިކަލެއް ޓެސްޓްކުރަން ހުއްދަ ލިބުމަކީ މިފަދަ މަސައްކަތްތައް ކުރިއަރުވައި ޓެކްނޮލޮޖީ އުފެއްދުންތައް އިޖާދުކުރުމުގައި ޓެކްނޮލޮޖީ ބޭނުންކުރެވޭ މިންވަރު އިތުރުވުމަށް މަގުފަހިވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ. "ސެލްފް-ޑްރައިން ޓެކްނޮލޮޖީ ޓެސްޓްކުރެވި އޭގެ ރައްކާތެރި ކަށަވަރުވުމަކީ އިންޑަސްޓްރީ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް."

"އާރްް 2" ޓެސްޓްކުރަން ހުއްދަ ލިބުނު ނަމަވެސް، އެ ކުންފުންޏާ ގުޅިގެން ޑެލިވަރީގެ ހިދުމަތް ފޯރުކޮށް ދޭނެ ކުންފުންޏަކީ ކޮބައިކަމެއް އަދި އިއުލާނެއްނުކުރެ އެވެ. މީގެ ކުރިން ނިއުރޯ އިން ވަނީ "އާރް 1" ވޮލްމާޓާއި ކްރޯހާގެ އިތުރުން ޑޮމިނޯޒް ޕިއްޒާއާ ގުޅިގެން ޓެސްޓްކޮށްފަ އެވެ.

ނިއުރޯ އަކީ ކުރިން ގޫގުލްގައި އިންޖިނިއަރުންގެ މަސައްކަތްކުރި ޑޭވް އާއި ޖިއަޖުން ޒޫގެ ކުންފުންޏެކެވެ. އަދި މިއަށް ޖަޕާންގެ ސޮފްޓްބޭންކުން ފަންޑްކޮށްދެ އެވެ.