ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މާކެޓިން ވޯކްޝޮޕެއް ބާއްވައިފި

ރާއްޖޭގެ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން މާކެޓިންގެ ތަޖުރިބާ ނެތް މުވައްޒަފުންނަށް ހާއްސަކޮށްގެން މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމެންޓް އެންޑް ގަވަނެންސް އިންސްޓިޓިއުޓް (އެމްސީޑީޖީއައި) އިން މާކެޓިން ވޯކްޝޮޕެއް ބާއްވައިފި އެވެ.


އުނިމާ ގްރޭންޑުގައި އިއްޔެ ބޭއްވި މި ވޯކްޝޮޕުގައި އެކި ކުންފުނިތަކުން 26 މުވައްޒަފުން ބައިވެރިވި އެވެ. މީގެ ތެރޭގައި އެމްއެމްޕީއާރުސީ އާއި ސްޓެލްކޯ އާއި އެންސިސް އަދި އިންސިއުލާ އިންޝުއަރެންސް އާއި ބީއެމްއެލް އާއި އެމްޓިސީސީ ހިމެނެ އެވެ. މީގެ އިތުރުން އާއްމުންގެ ބައެއް މީހުން ވެސް ވަނީ މި ވޯކްޝޮޕުގައި ބައިވެރިވެފަ އެވެ.

މި ވޯކްޝޮޕުގެ ބައިވެރިންނަށް މާކެޓިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނީ މާކެޓިން ކޮންސަލްޓެންޓެއް ކަމަށްވާ "ގްލޯބޯ ތިންކް" ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިރުޝާދު އޭ ކޭޑާ އެވެ. އިރުޝާދަކީ ވިޔަފާރީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ، އެ ދާއިރާ އަށް މީހުން ތަމްރީން ކުރުމުގެ ސެޓްފިކެޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ވޯކްޝޮޕް ފައްޓަވާ ދެއްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޮންމެ ކުންފުންޏެއް ވެސް ކުރިއަރައިގެން ދާނީ ކަސްޓަމަރުންނާ އޮންނަ ގުޅުން ރަނގަޅު ކުރުމުން ކަމަށެވެ. އަދި ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް މާކެޓިން ދަސްކުރުމަކީ މުހިންމު ކަމެއްް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.