ސްޓެލްކޯއިން އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ދޫކުރަން ފަށައިފި

ކަރަންޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސްޓެލްކޯ އިން ކުރިއަށްގެންދާ "ގްރީން ލައިޓް އިނީޝިއޭޓިވް" ގެ ދަށުން އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ހަރުކޮށްދޭން ފަށައިފި އެވެ.


މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. މި ހިދުމަތް އެންމެ ފުރަތަމަ ދޭން ފަށާނީ ސްޓެލްކޯގެ މުވައްޒަފުންނަށެވެ. ސްޓެލްކޯ އިން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ހިދުމަތް އާއްމުނަށް ވެސް ހުޅުވާލާނެ ކަމަށެވެ.

މި ހިދުމަތާ ގުޅޭ ގޮތުން އާއްމުނަށް މައުލޫމާތު ދިނުމަށް ސްޓެލްކޯގެ ތިރީގައި ސެންޓަރެއް ހުޅުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މި ސެންޓަރަށް ޒިޔާރަތް ކުރުމުން އެ ގެއެއްގައި ސޯލާ ޕެނަލް ހަރު ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން ލަފާ ދޭނެ އެވެ. މި ހިދުމަތް ދޭނީ ޑިޕޮޒިޓްގެ ގޮތުގައި 5،000ރ. އާއި ގޭގެ ވެރިމިހާގެ ހުއްދަ ސްޓެލްކޯ އަށް ލިބުމުންނެވެ.

އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ފޮރުކޯށްދިނުމުގެ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ (ވ4) އާއި އެކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ-- ފޮޓޯ:އަހުމަދު އައުޝަން އިލްޔާސް

ސްޓެލްކޯއިން ފެށި މި ހިދުމަތުގެ ތެރެއިން ކޮންމެ ގެއަކަށް ފޯރުކޮށްދޭނީ 1.2 ކިލޯގެ ޔުނިޓުތަކެވެ. މީގެ ސަބަބުން ކަރަންޓުގެ ހަރަދު ކުޑަކުރެވި ބޭނުންކުރާ ހަކަތަ މަދު ކުރެވޭނެ އެވެ. މި ސްކީމްގެ ދަށުން ގޭގައި މިހާރު ހަރުކޮށްފައި ހުންނަ ސިސްޓަމްތައް ބަދަލު ވެސް ކުރެވޭނެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓރު ހަސަން މުޣުނީ ވިދާޅުވީ ހިދުމަތް ފެށުމުގެ ގޮތުން ކުންފުނީގެ މުވައްޒަފުން ހިޔާރުކުރީ އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމުގައި އެ ކުންފުނީގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ބޭނުމަށް ކަމަށެވެ. އަދި އެ ކުންފުނިން ފޯރުކޮށްދޭ ހުރިހާ ޕެނަލްތަކަކީ ވެސް ކުންފުނިން ޓެސްޓުކޮށް ދުނިޔޭގެ ވެސް މަގުބޫލުކަން ހޯދާފައިވާ ޕެނަލްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދޫކުރާ ތަކެތީގައި ވަރަށް މައްސަލައެއް ދިމާ ނުވާނެ. ރަނގަޅަށް ބޭނުން ކުރާނަމަ މި ތަކެތީގެ ޑިއުރޭޝަނަކީ 25-30 އަހަރު. އެހެންނަމަވެސް ކަސްޓަމަރުން ބޭނުންވާ ނަމަ މެއިންޓެނެންސް އެގްރީމެންޓެއް ވެސް ހަދާލެވޭނެ،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ އެމްޑީ މީިޑިއާއަށް މައުލުމާތު ދެއްވަނީ-- ފޮޓޯ:އަހުމަދު އައުޝަން އިލްޔާސް

ގްރޭޓާ މާލެ ސަރަހައްދަށް ހާއްސަ ކޮށްގެން ފެށި މި ހިދުމަތް ކުރިއަށް އޮތްތާނގައި އިތުރަށް ފުޅާ ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ. މި ހިދުމަތް ފުޅާ ވުމުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސޯލާ ޕެނަލް ފޯރުުކޮށްދޭނެ އެވެ.

ސްޓެލްކޯ އިން އަންނަނީ އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފެއްދުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، މި ފަސް އަހަރު ނިމޭއިރު އެ ކުންފުނީގެ 50 ޕަސެންޓް ކަރަންޓު އިއާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ފޯރުކޮށްދެވޭނެ ކަމަށް މުޣުނީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.