އެއާ އިޓަލީ ބަނގުރޫޓުވެ ދަތުރުތައް ހުއްޓާލަނީ

މިދިޔަ އަހަރު ރާއްޖެ އަށް އަލުން ދަތުރުތައް ފެށި އެއާ އިޓަލީ ބަނގުރޫޓުވެ ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.


އެއާ އިޓަލީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ދަތުރުތައް ވަގުތުން ހުއްޓާލަން އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އަދި އިއްޔެ އިން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް އެ އެއާލައިނުގެ ހިދުމަތް ދޭނީ އެހެން ކުންފުނިތަކުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މަހުގެ 25 ގެ ފަހުން ދަތުރު ކުރުމަަށް ބުކިން ހައްދާފައިވާ މީހުންނަށް ރިފަންޑް ދޭ ގޮތަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. މި މުއްދަތުގެ ކުރިން ދަތުރުކުރަން ބުކިން ހެއްދި މީހުން ބުކިން ކެންސަލް ކުރަން ބޭނުންވާ ނަމަ އެ މީހުންނަށް ވެސް ރީފަންޑު ލިބޭނެ ކަމަށް އެއާ އިޓަލީގެ ބަޔާނުގައިވެ އެވެ.

އެއާ އިޓަލީން ރާއްޖެ އަށް ހަފުތާއަކު ތިން ދަތުރު ކުރެ އެވެ. މިއީ އެ ގައުމުގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެ އަށް އަންނަ ޓޫރިސްޓުން ގިނަ ވުމުގެ ސަބަބުން އެ އެއާލައިނުން ފެށި ދަތުރުތަކެކެވެ. މި އެއާލަނުން ރާއްޖެ އެންމެ ފަހު ދަތުރުކުރާނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިޓަލީގެ މަލްޕެންސާ އެއާޕޯޓަށެވެ.

މިއީ މިއަހަރު ފުރަތަމަ ބަނގުރޫޓުވި ބޮޑު އެއާލައިން ކުންފުންޏެވެ. މީގެ އިތުރުން މިދިޔަ އަހަރު އައިސްލެންޑުގެ "ވާއު އެއާ" އާއި އިނގިރޭސި ވިލާތުގެ "ތޯމަސް ކުކް" އަދި އިންޑިއާގެ "ޖެޓް އެއާވޭސް" އާއި ފްރާންސްގެ "އެކްސްއެލް އެއާވޭސް" ފަދަ ބޮޑެތި އެއާލައިންތައް ވަނީ ބަނގުރޫޓުވެފަ އެވެ.