ދިރާގުން 5ޖީ ސަޕޯޓްކުރާ ވާވޭގެ ފޯނު ތައާރަފްކޮށްފި

ދެކުނު އޭޝިއާގެ އެންމެ ފުރަތަމަ 5ޖީ ނެޓްވޯކް ތައާރަފު ކުރި ކުންފުނި، ދިރާގުން އެ ނެޓްވޯކް ސަޕޯޓު ކުރާ ވާވޭ މޭޓް 20 އެކްސް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.


މި ފޯނު ތައާރަފު ކޮށްދެއްވީ މިއަދު ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރު އެވެ. މި ފޯނު މިރެއިން ފެށިގެން ދިރާގު ވެބްސައިޓު މެދުވެރިކޮށް ގަންނަން ލިބޭނެ އެވެ.

ދިރާގުގެ ޑިވައިސް މެނޭޖަރު އަހުމަދު އިޝާން ވިދާޅުވީ މިރެއިން ފެށިގެން ފޯނު ގަންނަން ހުޅުވާލި ނަމަވެސް ފޯނު ހަވާލު ކުރުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ. ދިރާގުން މި ފޯނުތައް ވިއްކަނީ 15،899ރ. އަށެވެ. އަދި އިންސްޓޯލްމެންޓަށް ފޯނު ނަގާ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑައުންޕޭމަންޓުގެ ގޮތުގައި 3،499ރ. ދައްކަން ޖެހޭނެ އެވެ. އެއަށްފަހު ކޮންމެ މަހަކު ދައްކަން ޖެހޭނީ 1،129ރ. އެވެ.

ދިރާގުގެ ސީއެމްއޯ ވާވޭ މޭޓް 20 އެކްސް ތައާރަފުކޮށްދެއްވަނީ-- ފޮޓޯ: މިހާރު

އިޝާން ވިދާޅުވީ ރާއްޖެއަށް 5ޖީ ނެޓްވޯކު ތައާރަފު ކުރުމަށްފަހު ރައްޔިތުންނަށް ބާރު ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން އެ ނެޓްވޯކު ފުޅާ ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުން 5ޖީ ނެޓްވޯކު ލިބެން ހުންނައިރު މި ފޯނުތަކަކީ އެ ނެޓްވޯކް ތަޖުރިބާ ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"5ޖީ ނެޓްވޯކްގެ އެންމެ ހާއްސަ ކަމަކީ ޑައުންލޯޑް ސްޕީޑް ވަރަށް މަތިވުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޑިޖިޓަލް ރާއްޖެއެއް ގާއިމް ކުރުމަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތްތަތކުގެ ތެރޭގައި 5ޖީ އަކީ އޭގެއިން ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއް ޓެކްނޮލޮޖީ،" އިޝާން ވިދާޅުވި އެވެ.

ރާއްޖޭގައި 5ޖީ ނެޓްވޯކް ލިބޭ ސަރަހައްދުތަކުގައި ހިމެނޭ މާލޭގެ ބްރިޖް ވިއުއިން ޕްލެޓްފޯމާއި ދިރާގު ހެޑް އޮފީސް ހުންނަ ސަރަހައްދާއި ހުޅުލެ އާއި ހުޅުމާލެ އަދި ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދޫގައި މި ނެޓްވޯކް ތަޖުރިބާ ކުރެވޭނެ އެވެ.

ދިރާގުން މިއަދު ތައާރަފު ކުރި ވާވޭގެ ފޯނަކީ ފްރަންޓް ކެމެރާއާ އެކު ހަތަރު ކެމެރާ ހިމެނޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ފޯނެކެވެ. މި ފޯނުގެ ކެމެރާތަކުގެ ތެރޭގައި 40 އެމްޕީ އާއި 20 އެމްޕީ އަދި 8 އެމްޕީގެ ކެމެރާ ހިމެނެ އެވެ. ފްރަންޓް ކެމެރާއަކީ 24 އެމްޕީގެ ކެމެރާއެކެވެ.