ގއ. ވިލިނގިލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައި

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ކަލެކްޝަން ސެންޓަރެއް ގއ. ވިލިނގިލީގައި އިއްޔެ ހުޅުވައިފި އެވެ.


ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ހުޅުއްވައި ދެއްވި މި ސެންޓަރަކީ، ހުވަދު އަތޮޅުގައި މީރާ އިން ގާއިމްކުރި ދެވަނަ ސެންޓަރެވެ. ފުރަތަމަ ސެންޓަރު ހުޅުވާފައި ވަނީ ގދ. ތިނަދޫގަ އެވެ.

މީރާ އިން ބުނީ، މިއީ އެ ސަރަހައްދުގެ ވިޔަފާރިވެރިންނާއި ޓެކްސް ދައްކާ ފަރާތްތަކަށް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުވި ސެންޓަރެއް ކަމަށެވެ. ވިލިނގިލީ ކަލެކްޝަން ސެންޓަރުގެ ސަބަބުން، މީރާ އިން ދެމުން އަންނަ ހިދުމަތްތައް ހުވަދު އަތޮޅުގެ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ލިބޭނެ ކަމަށް މީރާ އިން ބުންޏެވެ.

އަތޮޅުތަކުގައި މީރާ އިން ހުޅުވާފައިވާ އޮފީސްތަކުން ވެސް މާލޭގެ ސެންޓަރަށް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި މީރާގައި ވިޔަފާރިތައް ރަޖިސްޓަރީ ކުރުމާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި ޓެކްސް އަދި މީރާ އަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކްސްއާ ގުޅުން ހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ހިދުމަތްތައް ހިމެނެ އެވެ.

މީރާ އިން މިހާތަނަށް ވަނީ 15 އަތޮޅެއްގައި 16 އޮފީސް ގާއިމުކޮށްފަ އެވެ.