ދައުލަތުގެ އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމް ކުރަނީ

ދައުލަތުގެ މާލީ ހިސާބުތަކަށް ހާއްސަ ކޮށްގެން ،ދައުލަތުގެ އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.


އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މި އޮޑިޓް ނިޒާމުގެ ދަށުން، ދައުލަތުގެ ނަމުގައި ހިންގާ އެކައުންޓުތަކާއި ޕަބްލިކް ފަންޑާއި ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހިރާސްތައް ދެނެގަނެ އޮފީސްތަކުގެ މުދަލާއި ފައިސާގެ ހިސާބާއި ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

މިއީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ނިޒާމެކެވެ.

މި ނިޒާމް ގާއިމްކޮށް، އުފައްދާ އޮޑިޓް ކޮމިޓީގައި ތިއްބަވާނީ ފިނޭންސް މިނިސްޓަރު އައްޔަން ކުރައްވާ ހަތް މެމްބަރުންނެވެ. އެއީ، ފިނޭންސް މިނިސްޓްރީގެ ތިން މެމްބަރަކާއި އޮޑިޓާ ޖެނެރަލް އޮފީސް ތަމްސީލް ކުރާ މެމްބަރަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަމްސީލް ކުރާ މެމްބަރެއްގެ އިތުރުން ޕްރައިވެޓް ސެކްޓާގެ ފަރާތުން ދެ މެމްބަރެކެވެ.

އިންޓާނަލް އޮޑިޓް ގާއިމް ކުރުމަށް ބޭނުންވާ ހުރިހާ އުސޫލުތަކާއި ގައިޑްލައިންތައް ހަދައި އެ އުސޫލުތައް މި ކޮމިޓީން ތަންފީޒު ކުރާނެ އެވެ. މިއީ ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވުމުގެ ސަގާފަތެއް އެކުލަވައިލައި އޮޑިޓް ކުރުމުގައި ފިނޭންސް މިނިސްޓަރަށް އެއްބާރުލުން ދިނުމަށް އެކުލަވައިލާ ކޮމިޓީ އެކެވެ.

އޮޑިޓް ކޮމިޓީ އާއި ފިނޭންސް މިިނިސްޓްރީއާ ދެމެދުގެ މެދުވެރިއަކަށް ވާނީ ފިނޭންސް މިނިސްޓަރު އުފައްދަވާ، ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓެވެ. މި ޑިޕާޓްމެންޓުން ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ދައުލަތުގެ އިދާރާތަަކުގައި އުފައްދާ "އިންޓާނަލް އޮޑީޓް ފަންކްޝަން"ތަކުގެ މަސައްކަތް ބަލަހައްޓާނެ އެވެ.

އިންޓާނަލް އޮޑީޓް ފަންކްޝަނަކީ ދައުލަތުގެ ކޮންމެ އިދާރާއެއްގައި އެ އިދާރާއެެއްގެ އޮޑިޓް ރިޕޯޓު ތައްޔާރު ކުރުމަށް އެކުލަވައިލާ ޓީމެވެ.