އިންޑިއާގެ ރިސޯޓެއްގައި އިސްރާފުކުރާ ކާނާ އިން އަގު ނަގަނީ

އިންޑިއާގެ ކަރުނާޓަކާގެ ރިސޯޓަކުން ޓޫރިސްޓުންނަށް ދޭ ކާނާ އިން އިސްރާފުކުރާ ނަމަ، އޭގެ ބަރުދަން ބަލައި ކޮންމެ 10 ގްރާމަކަށް 100 ރުޕީސް ނަގާ ގޮތަށް ހަމަޖައްސައިފި އެވެ.


މީޑިއާތަކުން ބުނީ ޓޫރިސްޓުން ކާނާ އިސްރާފުކުރާ މައްސަލަ ބޮޑުވެގެން އެކަމަށް ހައްލެއް ހޯދަން އެޅި ފިޔަވަޅެއްގެ ގޮތުގައި، އިސްރާފުކުރާ ކާނާ އިން އަގެއް ނަގަން ނިންމީ ކަރްނާޓާކާގެ ފަރުބަދަމަތީ ސަރައްހެއްދެއް ކަމަށްވާ ކޫރްގައި ހިންގާ އިބްނީ ސްޕާ އެންޑް ރިސޯޓުން ކަމަށެވެ.

އިބްނީގެ ސީއެސްއާރް އެޑްވައިޒަރު ޝްރެޔާ ކްރިޝްނަން ޑެކަން ކްރޮނިކަލް އަށް ވިދާޅުވީ ކާނާ އިން އިސްރާފުކުރާތީ އަލަށް އަމަލުކުރަން ފެށި އުސޫލުގެ ސަބަބުން ކުނީގެ ގޮތުގައި އުކައިލާ ކާނާގެ ބޮޑެތި ޑަސްބިންތަކުގެ އަދަދު މިހާރު 14 އިން އެކަކަށް ދަށްކުރެވިއްޖެ ކަމަށެވެ.

"އެހެންވީމާ މީގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ދައްކަނީ،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މި އުސޫލު ދަމަހައްޓަން މެނޭޖްމަންޓުން މިހާރު ނިންމާފައި ވަނީ."

ޝްރެޔާ ވިދާޅުވި ގޮތުގައި އިސްރާފުކުރާ ކާނާ އިން އަގު ނަގަނީ، ޓޫރިސްޓުންނަށް ސާވްކުރާ ގަޑިތަކުގައި އެ މީހުން ކައި ނިންމައިލުމުން ތަށިގައި ހުންނަ ބާކީ ބައި، ޓޫރިސްޓުންގެ ހާޒިރުގައި ކިރައިގެންނެވެ. އެގޮތުން ތަށީގައި ބާކީވެފައި ހުންނަ ކޮންމެ 10 ގްރާމަކަށް 100 ރުޕީސް (21.60ރ.) ނަގަމުން އަންނަ ކަމަށް ބުންޏެވެ.

ރިސޯޓުން ބުނިގޮތުގައި އިސްރާފުކުރާ ކާނާ އިން ނަގާ އަގުން އެއްކުރާ ފައިސާ ހަދިޔާކުރަނީ ޔަތީމްޚާނާއަކަށެވެ.